ބަލިވާނެކަން ޔަގީންވާތީ ކުރީގެ "ކުޅިގަނޑު" ސުޕްރީމް ކޯޓުން އަނެއްކާ ވެސް ފަށައިފި: ނަޝީދު

ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބުކުރަން ސުޕްރީމް ކޯޓު މެދުވެރިކޮށް ހިންގި "ކުޅިގަނޑު" އެ ކޯޓުން އަނެއްކާ ވެސް ފަށާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާ އަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރު ވެސް މެމްބަރު ރީކޯ މޫސާ މަނިކުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މާދަމާ ސުޕްރީމްކޯޓަށް ހާޒިރުވާން އަންގާފައިވާތީ ނަޝީދު ވަނީ އެ ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ހާޒިރުކުރުން ފަދަ ކަންތައް ކުރަނީ މަޖިލިސް އިންތިހާބުގައި ބަލިވާނެކަން ޔަގީންވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ބަލިވާނެކަން އަނެއްކާ ވެސް ޔަގީންވީމާ އިލެކްޝަންސް ކޮމިޝަންގެ ހުރިހާ ބޭފުޅުން ސްޕްރީމް ކޯޓަށް ހާޒިރުކޮށް އިލެކްޝަންސް ކޮމިޝަނަށް ބިރުދައްކައިގެން އިންތިހާބުގައި އަނެއްކާވެސް ނަހަމަ އެތައް ކަމެއް ހިންގައި އެކަންކަމުގެ ތެރެއިން އެ ބޭފުޅުން ކާމިޔާބު ހޯއްދެވުމަށް މަސައްކަތް ކުރާން ފެށިތަން އަޅުގަނޑުމެންނަށް މިއަދު ފެނިގެން މި ދިޔައީ،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރަން އަންގާފައި ވަނީ އަމިއްލަ އަށް ގަވާއިދު ހަދައި ނުފޫޒުގެ ބޭނުންކޮށްގެންނެވެ. ރިޔާސީ އިންތިހާބުގައި ސުޕްރީމް ކޯޓުން އަމަލުކުރި ގޮތަށް އިންތިހާބު ފަސްކުރުން ފަދަ ކަންކަން ކުރިއަސް އެމްޑީޕީން ބައިވެރިނުވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ ރާއްޖެ އާއި ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގަންނާނެ އިންތިހާބެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީ އަތުން ގެންދިޔައީ "މަކަރާއި ހީލަތް" ހަދައިގެންނެވެ. އެހެންކަމުން މި އިންތިހާބުގައި އެމްޑީޕީ އަށް ކާމިޔާބުކޮށްދޭން ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބު ބާއްވައިގެން ވެސް ރައްޔިތުން ބޭނުން ވަނީ ހިދުމަތްތައް ފުރިހަމައަށް ލިބޭތޯ ބެލުމެވެ. ބަލިވުމުން ބޭސްކުރެވޭނެ ގޮތެއް ހޯދައި އިޖުތިމާއީ ރައްކާތެރިކަން ހޯދުން ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ގޮތެއް ހޯދައިދިނުމަށް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ދާއިރާ އަށް ވާދަކުރައްވާ މެމްބަރު މޫސާ މަނިކަށް ތައުރީފްކުރައްވައި ނަޝީދު ވިދާޅުވީ ރީކޯ މޫސަ އަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އެފަދަ ބޭފުޅުން މަޖިލީހުގައި ތިއްބަވަން ޖެހޭ ކަމަށެވެ. އެ ބައްދަލުވުމުގައި މޫސަ ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ އަށް ފަހު އެ ޕާޓީ ކުރިއަށް ދަނީ އޮމާންކަމާ އެކުގައި ކަމަށާއި ބޭނުމަކީ މަޖިލިސް އިންތިހާބު އެ ޕާޓީ އަށް ކާމިޔާބުކުރުން ކަމަށެވެ. މޫސަގެ ވާހަކައިގައި އޭނާ ވެސް ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރާ މައްސަލާގައި ފާޑުވިދާޅުވެފަ އެވެ. މޫސަ ވިދާޅުވި ގޮތުގައި ގާނޫނީ ބާރުތަކެއް ލިބިފައި އޮންނަ މިނިވަން މުއައްސަސާއެއް ތަހުގީގަށް ސުޕްރީމް ކޯޓަށް ހާޒިރެއް ނުކުރެވޭނެ އެވެ. މިރޭ ބައްދަލުވުމުގައި ޕްރައިމަރީގައި މޫސައާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ހަސަން ލަތީފް ވެސް ވާހަކަ ދެއްކެވި އެވެ. މޫސަ ކެމްޕޭންގެ އިތުރުން އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ ކެންޑިޑޭޓް އަލީ އާރިފްގެ ކެމްޕޭން ޖަލްސާއެއް ވެސް މިރޭ ވަނީ ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ