މަދަނީ ކޯޓުން ބަންޑާރަ ނައިބު އޮފީހަށް ރެޑް ނޯޓިސް ދީފި

ޓްރެޝާ އައިލެންޑްން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ހުށަހެޅި ދައުވާގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެން މަދަނީ ކޯޓުން ބަންޑާރަ ނައިބުގެ އޮފީހުގެ މައްޗަށް ރެޑް ނޯޓިހެއް މިއަދު ނެރެފި އެވެ.ދައުލަތުގެ ވަކީލުން އެ މައްސަލައިގެ ޝަރީއަތަށް ވަޑައި ނުގަތުމުން ބަންޑާރަ ނައިބުގެ އޮފީހުގެ ދޮރުގައި ރެޑް ނޯޓިސް ތަތްކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. އެ ނޯޓިސްގައި ބުނެފައި ވަނީ ދެން އަޑުއެހުން ބާއްވަން ހަމަޖެހިފައި އޮތް ދުވަހަށް ހާޒިރުނުވެއްޖެ ނަމަ މައްސަލަ ޣައިރު ހާޒިރުގައި ހިންގާނެ ކަމަށެވެ.ބަންޑާރަ ނައިބުގެ އޮފީހަށް ރެޑް ނޯޓިސް ފޮނުވީ މައްސަލައިގައި އަޑުއެހުމެއް ބާއްވަންޖެހިފައި އޮތް ދުވަހަކަށް ޗިޓު ރައްދުވި ނަމަވެސް ހާޒިރުނުވެ ސަބަބެއް ވެސް އަންގާފައިނުވާތީ ކަމަށެވެ. އަދި އެކަން ކޮށްފައި ވާނީ ޝަރީއަތްކުރުމާ ބެހޭ ގަވައިދުގެ ދަށުން ކަމަށް މަދަނީ ކޯޓުން ވަނީ ބުނެފަ އެވެ.ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން މިވަގުތު އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށާއި އެކަމާ ގުޅިގެނެ ފަހުން ޕްރެސް ރިލީޒެއް ނެރުއްވާނެ ކަމަށެވެ.މަދަނީ ކޯޓުން ނެރުނު ރެޑް ނޯޓިސް ބަންޑާރަ ނައިބު އޮފީހުގެ ދޮރުގައި މިއަދު ތަތްކުރި އެވެ. ނަމަވެސް ކުޑައިރުކޮޅެއް ފަހުން އެ އޮފީހުގެ މުވައްޒަފަކު ވަނީ އެ ނޯޓިސް ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ