އާއިލީ އަރައިރުން ބޮޑު، ނިލަންދޫ ދާއިރާގެ "ހޫނު" ގޮނޑި

ހޮނހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ނިލަންދޫ ދާއިރާ ގެ ގޮނޑި ގެއްލުނު ކެންޑިޑޭޓް ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން ، އެ ދާއިރާގެ ވޯޓު މިއަދު އަލުން ގުނިއިރު އެހެން ކަހަލަ މަންޒަރުތަކެއް ވަނީ ފެނިފަ އެވެ. އެއް އާއިލާއެއްގެ ތެރޭގައި، ސިޔާސީ ފިކުރު ދެބައި ވެފައިވާ މަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ. ވޯޓު އަލުން ގުނުމުގައި އިސްކޮށް ހުރި އޮފިޝަލު ވޯޓު ކަރުދާސްކޮޅެއް ދައްކާލުމާ އެކު އެއް ބަޔަކު އަނެއް ބަޔަކަށް ހޯލު ތެރޭގައި އަޑުގަދަކުރަން ފެށި އެވެ. އެއް ބަޔަކު އިލެކްޝަންސް ކޮމިޝަނަށް ޕްރެޝަރު ކުރީ އެ ކަރުދާހުގައި ޖަހާފައި ވަނީ ސައްހަ ފާހަގައެއް ނޫން ކަމަށް ކަނޑައެޅުމަށެވެ. އަނެއް ބަޔަކު ބަހުގެ ހަމަލާ ބަދަލުކުރީ އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ނުގުނޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަން ސާބިތު ކޮށްދިނުމަށެވެ. އެކަމަކު އެއީ ސިޔާސީ ފިކުރުުގައި ދެ ބަޔަށް ބެހިފައިވާ އެއް އާއިލާއެއްގެ އަޑެވެ. އެ އަރައިރުމުގައި އެއް ބަޔަކަށް ވުރެ އަނެއް ބައެއްގެ އަޑުގަދަ އެވެ. އެ ހަޅޭކުގެ ތެރޭގައި ޖެހިގެން ހުރި މީހާއާ ކިތަންމެ ބާރަށް ވާހަކަ ދެއްކި ނަމަވެސް ކިޔާ އެއްޗެއް ސާފެއް ނުވާނެ އެވެ. އެ އަޑު ކިރިޔާ ވެސް މަޑުވީ، އެއީ " ފުޓްބޯޅަ ދަނޑަަކަށް ނުވާތީ ސަޕޯޓަރުން މަޑުމައިތިރިކަމާ އެކު ތިބުމަށް " ކޮމިޝަންގެ މެމްބަރުން ތަކުރާރުކޮށް ނަސޭހަތްތެރިވެ ވަޑައިގަތުމުންނެވެ. ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަބްދުﷲ ހަލީލް ކާމިޔާބު ކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. އެ އިންތިޚާބުގައި ބަލިވީ ހަލީލްގެ ބޮޑުބޭބެ އަދި މަޖިލީހުގައި މިހާރު ވެސް ނިލަންދޫ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެމްބަރު އަބްދުލް މުހުސިން (ޖޭފޯ) އެވެ. އެ ދާއިރާ އިން ހަލީލު 645 ވޯޓު ހޯއްދެވިއިރ ު ، މުހުސިނަށް ލިބިވަޑައިގަތީ 644 ވޯޓެވެ. ވާދަވެރި މި ދާއިރާގެ ވޯޓު އަލުން ގުނުން މިއަދު އެފްއެޗްއެސްގައި ކުރިއަށް ގެންދިޔައިރު، ގޮނޑި ކާމިޔާބު ކުރުމުގައި އާއިލީ ވާދަވެރިކަން އޮތީ އޭގެ އެންމެ "އުހުގަ" އެވެ. ދޫކުރާނެ އެކަކު ވެސް ނެތެވެ. ވޯޓު އަލުން ގުނަމުން ދިޔައިރު، އެއް ފަހަރު އެއީ ސައްހަ ވޯޓެއް ކަމަށް، އޮފިޝަލް ކަނޑައެޅުމާ އެކު އިދިކޮޅު ޓީމަށް މަލާމާތްކުރަން ސަޕޯޓަރަކު ވަރަށް ބާރަށް ގޮވާލީ މިހެންނެވެ؛ "އެއީ އަހަރެމެން މޮޅުވި ވޯޓު. އެއީ ސައްޕު ވޯޓު. ރަނގަޅަށް އެ މީހުންނަށް [އެއީ ސައްހަ ވޯޓެއްކަން] ފެންނަން ދެން ދައްކާތި" ނިލަންދޫ ދާއިރާގެ ވޯޓު ފޮށިތައް އިލެކްޝަންސްގެ އޮފިޝަލުން ގުނަނީ. --ހަވީރު ފޮޓޯ: ފަޒީނާ އަހުމަދު ވޯޓު ފޮށިތައް ކަނޑައި އަލުން ގުނަން ފެށިއިރު ވެސް ދެބައި މީހުންގެ އަަރައިރުން ހުއްޓުމަކަށް ނާދެ އެވެ. އެ ދާއިރާގެ ވޯޓު ފޮށިތައް ކަނޑަން ޖެހޭ ސަބަބެއް ދައްކަން ޖެހޭނެ ކަމަށް ހަލީލްގެ ސަޕޯޓަރުން ބުނަމުންދިޔައިރު، މުހުސިންގެ ސަޕޯޓަރުން ބުނީ ސައްހަ ނޫން ވޯޓުތަކެއް، ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށެވެ. އިލެކްޝަނުން މިއަދު ބައެއް ފޮށިތައް ގުނިއިރު މުހުސިނަށް ވަނީ އަނެއްކާވެސް ވޯޓެއް މަދުވެ ހަލީލަށް އެއް ވޯޓު އިތުރުވެފަ އެވެ. އެ ދާއިރާގެ ވަގުތީ ނަތީޖާ އެނގޭނީ ބާކީ ހުރި ފޮށިތައް އިލެކްޝަންސް ކޮމިޝަނުން މިރޭ ޗެކްކޮށް ނިމުމުންނެވެ. ވޯޓު ގުނަމުން ދިޔައިރު މުހުސިނާއި ހަލީލް ތިއްބެވީ ޖެހިޖެހިގެންނެވެ. އެ ދެ ބޭފުޅުން އެކަކު އަނެކަކަށް ބަހުގެ ހަމަލާ ބަދަލު ކުރެއްވި މަންޒަރެއް ނުފެނެ އެވެ . އެކަމަކު ސަޕޯޓަރުންގެ ބަހާއި އަމަލުން، ސިޔާސީ ނުފޫޒުގައި އެ އާއިލާ ދެބައި ވެފައި އޮތް ވަރު އެ ހޯލު ތެރެއިން ސާފެވެ. "ހުރިހާ ފޮއްޓެއް ގުނައި ނިމޭއިރު، ފެންނާނެ އެއް ބަޔަކު އަނެއް ބަޔަކަށް އަަރައިގަންނަ މަންޒަރު. އަހަރެން މި އިންނަނީ ކުޅިވަރު ބަލަން އައިސް. އެއް އާއިލާއެކޭ ބުނަން ވެސް ލަދުގަނޭ،" ހޯލުގައި އިން އެ އާއިލާ އަށް ނިސްބަތްވާ އަންހެނަކު ބުންޏެވެ. މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ވެސް ނިލަންދޫގެ ގޮނޑި ވެގެން ދިޔައީ އެހާ އަރައިރުން ބޮޑު ގޮނޑިއަކަށެވެ. އެ ދެ ކެންޑިޑޭޓުންނަކީ ވެސް ޕީޕީއެމްގެ ފިކުރުގެ ދެ ބޭފުޅުންނެވެ. އެކަމަކު ޕީޕީއެމްގެ ޕްރައިމަރީ އަށް ހުޅުވާލުމުން ، ހަލީލް ޕްރައިމަރީގައި ބައިވެރިވެވަޑައެއް ނުގަތެވެ. ވަކި ޝަރުތުތަކެއް ކަނޑައަޅައި ޕްރައިމަރީއަކާ ނުލައި ޕޮއިންޓް ދޭން އެ ޕާޓީން ނިންމި އުސޫލ ް އޭނާ އަށް ގަބޫލެއް ނުކުރެއްވުނެވެ. ޕްރައިމަރީއަކާ ނުލައި މުހުސިނަށް ޓިކެޓް ލިބިވަޑައިގެންނެވިއިރ ު ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހަލީލް ވާދަކުރެއްވީ އެހެންވެ އެވެ. އާއިލާގެ ބައިބައިވުމާ ގުޅޭ ގޮތުން ސުވާލުކުރުމުން، މުހުސިން ވިދާޅުވީ އެއް އާއިލާއެއް ވިއަސް އެންމެންގެ ވިސްނުން އެއްގޮތް ނުވެ ހިނގައިދާނެ ކަމަށެވެ. އެ ވޯޓުގެ ސަބަބުން އާއިލީ ގުޅުމަށް ކޮށްފައިވާ ނުވަތަ ކުރާނެ އަސަރާ ގުޅޭ ގޮތުން އޭނާ އެއްވެސް ވާހަކައެއް މީޑީއާގައި ދައްކަަވަން ބޭނުމެއް ނުވި އެވެ. " އާއިލާއެއް ވިއަސް މިކަހަލަ [ވޯޓުގެ] ކަންތައް ގެންދަން ޖެހޭނީ ޕްރޮފެޝަނަލްކޮށް، " އޭނާ ވިދާޅުވި އެވެ. ހަލީލް ވިދާޅުވި ގޮތުގައި ވޯޓާ ގުޅޭ ގޮތުން އޭނާ އާއި ބޮޑުބޭބެއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތެވެ. އާއިލީ ގުޅުމަށް ވެސް އެކަމުގެ އަސަރެއް ނުކުރެ އެވެ. "އަޅުގަނޑާއި ޖޭފޯއާ ދޭތެރޭގައި ގުޅުން ވަރަށް ރަނގަޅު. އަޅުގަނޑުމެން ދެބެ އިން އެއްކޮށް މިހާރު ވެސް އެއް މޭޒުމަތީގައި ކޮފީ ބޮއެ ހަދަން. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް، " ހަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގައި ބަލިވިއަސް އަދި މޮޅުވިއަސް އެ ދެ މީހުންގެ ގުޅުމަށް އަސަރެއް ނުކުރާނެ އެވެ. އެކަމަކު ބޮޑުބޭބެއާ ދެކޮޅަށް އޭނާ އިންތިހާބުގައި ވާދަކުރި ސަބަބު އޭނާ މީޑިއާ އަށް ހާމަކުރައްވަން ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ހޯލު ތެރޭގައި ކަން ހިނގައިދިޔަ ގޮތް ފެނުނު މީހަކަށް މުހުސިނާއި ހަލީލް ނުވަތަ އެ އާއިލާގެ ގުޅުން ރަނގަޅު ކަމަށް ބުނަން ދަތިވާނެ އެވެ. އެއް ބަޔަކު އަނެއް ބަޔަަކަށް ރައްދުކުރި ބަހުގެ ހަމަލާތަކަށް ބަލާއިރު، އެއްވެސް ބަޔަކު ތިބީ ދޫދޭން ތައްޔާރަކަށް ނޫނެވެ. އެ އާއިލާގެ ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު، އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތަކުން ނިވިދާނެ ކަމަށް ނުބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ