މިސްކިތުގައި ނަޝީދުގެ މައްޗަށް ދުއާކުރުމުން އުމަރު ދެއްވި "އިންޒާރު" އެމްޑީޕީން ކުށްވެރިކޮށްފި

ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރައްކާތެރިކަމާއި މިނިވަންކަމަށް އެދި އިސްލާމީ މަރުކަޒު ބޭރުގައި މިއަދު ދުއާކުރި މީހުންނަށް ހޯމް މިނިސްޓަރު އުމަރު ނަސީރު "އިންޒާރުކުރައްވާފައި ވާތީ" އެކަން ކުށްވެރިކުރާ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމީ މަރުކަޒަށް ހުކުރު ނަމާދަށް ދިޔަ ގިނަ ރައްޔިތުންތަކެއް، ނަމާދަށް ފަހު ﷲގެ ހަޒުރަތުގައި ދުއާ ދެންނެވީ އެ ޕާޓީގެ ރައީސް ނަޝީދާއި އެނޫން ވެސް ފަރާތްތަކަށް ނުހައްގުން ލިބެމުންދާ އަނިޔާއާ މެދު ހިތާމަކޮށް، އެފަދަ އަނިޔާތަކުން އެންމެހައި މުސްލިމުން ރައްކާތެރިކުރައްވައި މިންޖުކޮށްދެއްވުމަށް އެދި ކަމަށެވެ. އެމްޑީޕީގެ އެ ހަރަކާތަށް އިޝާރާތްކުރައްވައި އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތްތަކާއި އެ ތަންތަނުގެ ވަށައިގެންވާ ނަމާދުކުރާ ސަރަހައްދު ސިޔާސީ ކަންކަމަށް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކާ މެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ވާހަކަ އަށް ރައްދު ދެމުން އެމްޑީޕީން ބުނީ، އެ ގޮތަށް މިސްކިތްތަކުގެ ބޭނުން ނުހިފުމަށް ގޮވާލައްވައި ފިޔަވަޅު އެޅުމަށް އުމަރު "ފުލުހުންނަށް އަމުރުކުރައްވާފައިވާ ކަމީ ސިއްސައިގެންދާ ވަރުގެ" ކަމެއް ކަމަށެވެ. ނަޝީދުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އެދި އިސްލާމީ މަރުކަޒު ބޭރުގައި އެމްޑީޕީ ސަޕޯޓަރުން މިއަދު ދުއާކުރަނީ: މިފަދަ ހަރަކާތްތަކާ ދެކޮޅަށް ފުލުހުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވޭ.--ފޮޓޯ: އެމްޑީޕީ "އަނިޔާއަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަމަކަށް ވީހިނދު، އަނިޔާ އިން ސަލާމަތްވުމަށް ދުއާ ދެންނެވުމަކީ ވާޖިބެއް ކަމަށް ވީހިނދު، އަދި އެއީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރު ކަމަށް ވީހިނދު، އަދި މިސްކިތަކީ އަޅުކަންކުރުމާއި ދުއާ ދެންނެވުމަށް ޚާއްސަ ތަނަކަށް ވީހިނދު، މުސްލިމު ގައުމެއްގެ ރައްޔިތުންގެ ގިނަ ބަޔަކު މިސްކިތުގައި ދުއާ ދެންނެވުމުން އެކަމަށް ހުރަސްއަޅުއްވައި އިންޒާރުކުރެއްވުމަކީ ސަރުކާރުގެ އަނިޔާވެރިކަން އިތުރު ދަރަޖައަކަށް ދިޔަ ދިޔުމެއް ކަމަށް ދެކެމެވެ،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ. އެމްޑީޕީން ބުނީ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގާނޫނުއަސާސީއާ ޚިލާފަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށާއި "ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމަށް ﷲގެ ހަޒުރަތުގައި ދުއާ ދެންނެވުން ވެސް މިއަދު މިވަނީ ސަރުކާރުން މަނާކުރާ ނުވަތަ އިންޒާރުކުރުވާ ކަމަކަށް ވެފައި" ކަން ފާހަގަކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ