ރިޔާސީ އިންތިހާބާ ދިމާކޮށް ހަމަނުޖެހުން ނުހިންގުމަށް ޕޮލިސް ކޮމިޝަނަރު ގޮވާލައްވައިފި

އަންނަ ރިޔާސީ އިންތިހާބާދިމާކޮށް އެއްވެސް ފަރާތަކުން ހަމަނުޖެހުން ނުހިންގުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ގޮވާލައްވައިފި އެވެ.
ފުލުހުންގެ ހިދުމަތަށް 80އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމަށާއި އެ ދުވަސްވަރަކީ ހަލަބޮލިވެދާނެ ދުވަސްވަރެއްކަމަށާއި ނަމަވެސް އެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.
"ރިޔާސީ އިންތިހާބާ ދިމާކޮށް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިންގުމަށް ގޮވާލަން. ކޮންމެ މީހަކަށްމެ އެމީހަކު ބޭނުން ރަށަކަށް އަރާ ކެމްޕެއިން ކުރެވޭނެ ފުރުސަތު ލިބެންޖެހޭނެ. އެކަމަށް ހުރަސް އަޅާ ހަމަނުޖެހުން އުފެއްދުމަކީ ގަބޫލްކުރެވޭނެކަމެއް ނޫން. އެ ފަދަކަމެއް އެއްވެސް ފަރާތަކުންނުކުރުމަށް ގޮވާލަން،" ރައީސުލްޖުމްހޫރިއްޔާގެ މެޑަލް މިރޭ ލިބިވަޑައިގެންނެވި ރިޔާޒު ވިދާޅުވިއެވެ.
ދިވެހި ފުލުހުން މިއަދު މަސައްކަތް ކުރަނީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ކަމަށާއި އެހެންކަމުން ފުލުހުންގެ ހިދުމަތް މިއަދު ކުރިއަށްދަނީ ވަރަށް ޕްރޮފެޝަނަލް ކަމާއެކުގައި ކަމަށް ރިޔާޒުވިދާޅުވިއެވެ.
"އޮޕަރޭޝަންތައް ކުރިއަށްދަނީވަރަށް މިނިވަންކަމާއެކު ސިޔާސީ އެއްވެސް ނުފޯޒެއްނެތި ފުލުހުންގެ ޕްރޮފެޝަނަލް ހަމަތަކާއެކު. އެއްވެސް ވެރިއެއްގެ ސިޔާސީ ނުފޫޒެއް ފުލުހުންނަކަށް ނާދޭ. މިދަނީ މިނިވަންކަމާއެކު ކުރިއަށް،" ރިޔާޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ޝަރަފްވެރިކޮށް ދެއްވި އެޖަލްސާގައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ އާދަމް ޒާހިރަށް ފުލުހުންގެ ފަރާތުން ދޭ އެންމެ މަތީ ޝަރަފް އަރުވާފައެވެ. އަދި އެޖަލްސާގައި މިހާރުގެ ކޮމިޝަނަރ ރިޔާޒަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ