ހަމަލާގެ ތަހުގީގަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި: އުމަރު

"ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު، އިއްޔެ ވިދާޅުވެއްޖެ އެވެ. ހަމަލާގެ ތަހުގީގަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ކޯޗެއާ އުމަރާ ހަވާލާދީ، އެމެރިކާގެ ނިއުސް އެޖެންސީ، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ން ބުނީ ގޮވާއެތި ހަރުކޮށްފައި އޮތީ އާންމުކޮށް ރައީސް އިންނަވާ ގޮނޑިކޮޅުގެ ދަށުގައި ކަމަށެވެ. ނަމަވެސް ގޮއްވާލި ވަގުތު ރައީސް އިންނެވީ އެހެން ގޮނޑިއެއްގައި ކަމަށް އުމަރު ވިދާޅުވި އެވެ. ގޮއްވާލީ އެހާ ބޮޑު އެއްޗެއް ނޫން ކަމަށާއި އެއީ ލޯންޗުގައި ތިބި އެންމެން މަރާލުމުގެ ބަދަލުގައި ސީދާ ރައީސް އަވަހާރަކޮށްލައި ނުވަތަ ނުކުޅެދޭ ހާލަތަކަށް ގެންދަކޮށް ކޮށްފައިވާ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ. ހަމަލާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުމަރު ވިދާޅުވީ ހައްޔަރުކުރި މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި އެކަމަކު މީޑިއާ އިން އެ މައުލޫމާތު ފެންނަމުން ދާ ކަމަށެވެ. މިނިސްޓަރު އިޝާރާތް ކުރައްވާފައި ވަނީ ސިފައިންގެ ދެ މީހަކު ހައްޔަރުކުރި ކަމަށް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތަށެވެ. "ފިނިފެންމާ" ލޯންޗްގައި އެއްޗެއް ގޮއްވާލި ވަގުތު ނަގާފައިވާ ވީޑިއޯއެއް އުމަރު ވިދާޅުވި ގޮތުގައި ލޯންޗުގައި އެއްޗެއް ގޮއްވާލިކަން ކަށަވަރުވީ ފުލުހުންގެ ތަހުގީގަށް އެހީވާން އައި ސްރީ ލަންކާގެ ފޮރެންސިކް ތަޖުރިބާކާރުންގެ ރިޕޯޓުންނެވެ. އެމެރިކާގެ އެފްބީއައި އާއި އިންޑިއާ އާއި އޮސްޓްރޭލިއާ އާއި ސައޫދީ އަރަބިއްޔާ އިން ވެސް ތަހުގީގުގައި ބައިވެރި ވާއިރު އެ ޓީމުތަކުގެ ރިޕޯޓްތައް އަދި ހާމައެއް ނުކުރެ އެވެ. ޕްރެސް ކޮންފަރެންސްގައި އުމަރު ވިދާޅުވި ގޮތުގައި ގޮއްވާލީ "ބޮމެކެ"ވެ. އެކަމަކު އޭގެ ތަފްސީލް އަދި ދެވެން ނެތް ކަމަށް ވިދާޅުވި އެވެ. ލޯންޗަށް ދިން ހަމަލާގައި އެންމެ ބޮޑަށް ޒަހަމްވި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް އައިޖީއެމްއެޗްގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އެކަމަނާގެ އިތުރުން ދެން ޒަހަމްވީ ރައީސްގެ ބޮޑީގާޑު އަބްދުއްނާސިރައި ރައީސްގެ ޕްރޮޓޮކޯލްގެ އިސް ބޭފުޅެއް ކަމަށްވާ ފާތުމަތު މުހައްމަދު ސޯލިހު (ފާތޭ) އަށެވެ. އޭނާ މިހާރު ދޫކޮށްލާފައިވާ އިރު ނާސިރަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ