ސިޔާސީ ޕާޓީއެއްގެ ހަމައެކަނި ބޭނުމަކީ ހަލަބޮލިކަން އުފައްދައި ވެރިކަން ހޯދުމެއް ނޫން: މައުމޫން
ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމްގައި ސިޔާސީ ޕާޓީތަކުގެ ހަމައެކަނި ބޭނުމަކީ ގައުމުގައި ހަލަބޮލިކަން އުފައްދައި ވެރިކަން ހޯދަން މަސައްކަތް ކުރުން ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދާ ޖަލްސާގައި، އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީއަކީ ހަމައެކަނި ވެރިކަން ހޯދުމަށް އުފައްދާ މުއައްސަސާއެއް ނޫން ކަމަށެވެ. އެ މަގަށް ވިސްނުން ބެހެއްްޓުމަކީ ދެރަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ހަމައެކަނި މަގްސަދަކީ ވެރިކަން ހޯދުން ކަމަށް ހަދައިގެން އެކިއެކި ހަމަނުޖެހުންތައް އުފައްދައި ހަލަބޮލިކަން އުފައްދައި ކަންތައްތައް ކުރުމަކީ ސިޔާސީ ޕާޓީއަކުން ކުރަންވާނެ، ކުރަން ޖެހޭނެ ވެސް ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ މަގްސަދަކީ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އެހެން ޕާޓީތަކުން ވެސް އެ މަަގަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "ކޮންމެ ޕާޓީއެއް ވެސް ވާން ޖެހޭނީ ރައްޔިތުންނަށް މަގު ދައްކާ މުއައްސަސާއަކަށޭ. ސިޔާސީ ޕާޓީއަކީ ފިކުރެއް، ސިޔާސީ ޕާޓީއަކީ މަދަރުސާއެއް. ސިޔާސީ ޕާޓީއަކީ ފަލްސަފާއެއް، އުސޫލްތަކެއް. މިކަން އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންނަށް ދައްކަން،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ގައުމާއި ރައްޔިތުންނަށް ކުރިއެރުން ލިބޭނީ ސިޔާސީ ޕާޓީތަކުން އެ ވިސްނުމުގައި މަސައްކަތްކޮށްގެންނެވެ. މިރޭގެ ޖަލްސާގައި މައުމޫން ވާހަކަފުޅުދައްކަވަނީ.--ހަވީރު ފޮޓޯ: ނިޝާން އަލީ ޕީޕީއެމަށް ވަރަށް ގިނަ ބައި އިލެކްޝަންތަކެއް ކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ އެ ކާމިޔާބީ ހޯދައިދޭން މަސައްކަތް ކުރި ބޭފުޅުންނަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިހާބުވުމަކީ އެ ރަށްތަކާއި އަތޮޅަށް ވެސް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި ކޯލިޝަނުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ކޯލިޝަން ނުގުޑާފަދަ އަޒުމަކާ އެކު އެއްބައިވަންތަކޮށް ދެމިއޮތުމަކީ ގައުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި މެމްބަރު އަހްމަދު ނާޒިމް މަޖިލީހަށާއި ޕީޕީއެމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ އޭނާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަދުވަހު ހުކުމް ކުރުުމުން އޭނާ އަށް ވަނީ ގޮނޑި ގެއްލިފަ އެވެ. "އެމަނިކުފާނު [ނާޒިމް] ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައި. އަދި އަޅުގަނޑުމެންގެ ޕާޓީ އަށް ވެސް އެމަނިކުފާނު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފައި. އަދި އަޅުގަނޑަށް އެނގޭ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ވަނީ އަޅުގަނޑުމެންނާ އެކު މަސައްކަތް ކޮށްދެއްވާފައި. އެހެންވީމަ އެކަމުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ދިއްގަރު ދާއިރާ ގޮނޑިއަކީ ކުރިން ވެސް ޕީޕީއެމަށް ނިސްބަތްވި ގޮނޑިއަކަށް ވާތީ، ޖޫން 13 ގައި ބާއްވާ އެ ދާއިރާގެ ބައި އިލެކްޝަން އެ ޕާޓީން ކާމިޔާބުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިއްގަރު ދާއިރާގެ ގޮނޑި އަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ޕާޓީން ހުޅުވާލާނެ އެވެ. އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅާނީ، މައުމޫން ވިދާޅުވި ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕްރައިމަރީއަކުންނެވެ. މިރޭގެ ޖަލްސާގައި ރަށްރަށުގެ ގިނަ އަދަދެއްގެ ކައުންސިލަރުންނާއި އާއްމުން ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ