އަބްދުﷲ ގާޒީ ހައްޔަރުކުރަން ލަފައެއް ބޭނުން ނުވާ ކަމަށް ޖަލީލު ވިދާޅުވި: ފަރުހަތު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމާބެހޭ ގޮތުން ލަފައެއް ބޭނުން ނުވާ ކަމަށް، ސިފައިންގެ އިސް އޮފިސަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ވިދާޅުވި ކަމަށް، އޭނާގެ ޑެޕިއުޓީއެއްގެ ގޮތުގައި އޭރު ހުންނެވި ފަރުހަތު ޝަހީރު ކްރިމިނަލް ކޯޓުގައި މިރޭ ހެކިބަސް ދެއްވައިފި އެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މިހާރުގެ ޑިފެންސް މިނިސްޓަރު ޖަލީލާ ދެކޮޅަށް ދައުލަތުންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެމްއެންޑީއެފްގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ވިދާޅުވި ގޮތުގައި ގާޒީ ހައްޔަރު ކުރުމާ ބެހޭ ގޮތުން ލަފައެއް ބޭނުން ނުވާ ކަމަށް ޖަލީލު ވިދާޅުވީ ޖެނުއަރީ 16، 2012 ވަނަ ދުވަހު ބޭއްވި އެމްއެންޑީއެފްގެ ލަފާ ދޭ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ. ޖަލީލު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުން ބޭއްވީ، ފަރުހަތު ވިދާޅުވި ގޮތުގައި، އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އޮޕަރޭޝަނާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް ބަދަލުކުރަން ލަފާ ހޯދުމަށެވެ. އަދި އެ ބައްދަލުވުން ބާއްވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އިތުރު ލަފައެއް ހޯދުމަށް ނޫން ކަމަށް ޖަލީލު ވިދާޅުވި ކަމަށް ވެސް ފަރުހަތު ހެކިބަސް ދެއްވި އެވެ. އޮޕަރޭޝަނެއް ހިންގާ ނަމަ އެލާޓް ލެވެލް ބަދަލުކުރަން ޖެހޭނެ ކަމަށް އޮފިސަރުން އެ ބައްދަލުވުމުގައި ލަފާ ދެއްވި ކަމަށް ފަރުހަތު ވިދާޅުވި އެވެ. އޭގެ ކުރިން ފަރުހަތު ބައިވެރިވެވަޑައިގެންނެވި އެހެން ބައްދަލުވުމެއްގައި ސެކިއުރިޓީ އޮޕަރޭޝަނެއް ހިންގަން ޖެހޭ ކަމަށް މަޝްވަރާކުރި އެވެ. އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި، އޮޕަރޭޝަންގައި މަދަނީން ހައްޔަރު ޖެހިދާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް ފަރުހަތު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ގިނަ ބޭފުޅުން ލަފާ ދެއްވީ ސިފައިންނަށް މަދަނީން ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އެ ބައްދަލުވުމުގައި މޫސާ އަލީ ޖަލީލް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފަރުހަތު ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާއެއް ކުރިތޯ ދައުލަތުގެ ވަކީލު ވިޝާމް ވަޖީހް ސުވާލު ކުރެއްވުމުން ފަރުހަތު ވިދާޅުވީ އެފަދަ ވާހަކައެއް ދެއްކެވިކަން އެހާ ބޮޑަށް ހަނދާނުގައި ނެތް ކަމަށެވެ. އެލާޓް ލެވެލް ބަދަލުވުމަށް އިޝާރަތް ކުރައްވައި، އެއީ ބޭފުޅަކު ހައްޔަރުކުރަން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއްތޯ، މޫސާ ޖަލީލްގެ ވަކީލް އާދަމް އާސިފް ވެސް ފަރުހަތާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެފަދަ ކަމަކާ އެ ބައްދަލުވުމުގައި މަޝްވަރާ ނުކުރާ ކަމަށެވެ. ނަމަވެސް ދައުލަތުން ކުރި ސުވާލެއްގެ ޖަވާބުގައި، އެ ބައްދަލުވުމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރަން ލަފައެއް ބޭނުން ނުވާ ކަމަށް ޖަލީލު ވިދާޅުވި ކަމަށް ފަރުހަތު އެއްބަސްވެވަޑައިގަތެވެ. އެލާޓް ލެވެލް ބަދަލުކުރަން ލަފާ ހޯދި ބައްދަލުވުމުގެ ޔައުމިއްޔާ ނެގިތޯ ޖަލީލުގެ ގާނޫނީ ވަކީލު ސުވާލު ކުރެއްވުމުން، ފަރުހަތު ވިދާޅުވީ ޔައުމިއްޔާ ނެގި ކަމެއް ހަނދާނުގައި ނެތް ކަމަށެވެ. ފަރުހަތުގެ އިތުރުން ފަސް މީހެއްގެ ހެކި ބަސް މިރޭ ނެގި އެވެ. އޭގެ ތެރޭގައި އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު، ސިފައިންގެ އިންޓެލިޖެންސްގެ ހެޑަކަށް ހުންނެވި އަހްމަދު ނިލާމާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް ސުޕްރިންޓެންޑެންޓް އަބްދުލް މަންނާނު ޔޫސުފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު އަމްޖަދުގެ ހެކިބަސް ނެގުުމުގެ އިތުރުން އަބްދުﷲ ގާޒީ ސިފައިން ގެންދިޔަީ ގަދަކަމުން ކަން ސާބިތުކުރަން، އަބްދުﷲ ގާޒީގެ އަނ ބިކަނބަލުން އައިންތު ޝަރީފް އާއި އޭނާގެ ދައްތަ ސޯބިރާގެ ހެކިބަސް ވެސް ނެގި އެވެ. އައިންތު އާއި ސޯބިރާ ވެސް ވިދާޅުވީ ގާޒީ ގެންދިޔައީ ގަދަކަމުން ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ހުންނެވީ ގިރިފުށީގައި ކަން އެ އާއިލާ އަށް އެނގުނު ވަގުތާ ބެހޭ ގޮތުން ހެކިބަސް ތަފާތުވި އެވެ. ސޯބިރާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރި ތަން އާއިލާއަން އެނގުނީ އަދި ސިފައިންގެ ވެރިޔަކު އެ ގެއަށް ގޮސް އަބްދުﷲ ގާޒީގެ އަނބިކަނބަލުން އައިންތުއާ ބައްދަލުކުރީ ޖެނުއަރީ 18، 2012 ވަނަ ދުވަހުގެ ރޭގައި ކަމަށެވެ. ނަމަވެސް އައިންތު ވިދާޅުވި ގޮތުގައި ސިފައިން އެ ގެއަށް ގޮސް އޭނާއާ ބައްދަލުކޮށް، އަބްދުﷲ ގާޒީ ހުންނެވީ ގިރިފުށީގައި ކަން އެންގީ ޖެނުއަރީ 17، 2012 ވަނަ ދުވަހުގެ ރޭގަ އެވެ. ސިފައިންގެ އެ އޮޕަރޭޝަންގައި ޖަލީލް ބައިވެރިވި ކަމެއް ނުވަތަ އަމުރު ކުރެއްވި ކަމެއް ނޭނގޭ ކަމަށް އައިންތު ވެސް އަދި ސޯބިރާ ވެސް ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރަން ޖަލީލު އަމުރު ކުރެއްވިތޯ، ނުވަތަ މަޝްވަރާ ކުރެއްވިތޯ ސުވާލު ކުރެއްވުމުން، ސިފައިންގެ އޭރުގެ އިންޓެލް ހެޑް ނިލާމުގެ އިތުރުން، ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ޖަމްޝީދާއި މަންނާނު ވެސް ވިދާޅުވީ އެފަދަ ކަމެއްގެ ވާހަކަ ހަނދާނުގައި ނެތް ކަމަށެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެފަދަ އަމުރެއް ކުރެއްވިކަން އެނގިވަޑައިގަންނަވާ ކަމަކަށް އެ ބޭފުޅުންނެއް ވިދާޅެއް ނުވެ އެވެ. އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައި ހަންނާނާއި ޖަމްޝީދުގެ ހަނދާނުގައި ވެސް ހުރީ ފުލުހުންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ އަށް ދެން ކޯޓާ 100 ފޫޓަށް ވެސް ގާތް ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަ އެކަނި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. ނަމަވެސް އޭގެ އިތުރުން ވެސް ވަރަށް ގިނަ ވާހަކަ ފުލުހުންގެ އެ ބައްދަލުވުމުގައި ނަޝީދު ދެއްކެވި ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ގަދަކަމުން ފޮރުވި ކުށް ނަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، އެ މަނިކުފާނު 13 އަހަރަށް ޖަލަން ލުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ޝަރީއަތް ގެންދިޔައީ އިންސާފުވެރިކޮށް ނޫން ކަމަށް އެމްޑީޕީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ