ތަސްމީން 1.9 މިލިޔަން ރުފިޔާ ނާޒިމަށް ދައްކަންޖެހޭ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ދައްކަންޖެހޭ ކަމަށް ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ފައިސާގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް އެ ފައިސާ ނާޒިމަށް ދައްކަން ތަސްމީންގެ މައްޗަށް އަމުރުކޮށްފި އެވެ.
ހައިކޯޓްގައި ތަސްމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރި މި މައްސަލަ ހައިކޯޓްގައި ބެލުމަށްފަހު މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގު ވެގެން އިއްވި ހުކުމުގައި ބުނަނީ ސިވިލް ކޯޓްގެ ގަޒިއްޔާއިން ތަސްމީން ނާޒިމަށް ދައްކަން ޖެހޭ ކަމަށް ހުކުމް ކޮށްފައިވާ 1.9 މިލިޔަން ރުފިޔާ ގެ މައްސަލައަށް ތާއީދުކުރާ ކަމަށެވެ. އަދި ވަކީލުގެ ފީއާބެހޭ ގޮތުން އެ ހުކުމުގައި ގިޔާސްކޮށްފައިވާ ގޮތް ޝަރުއީ އަދި ގާނޫނީ އުސޫލަށް ނުފެތޭތީ ހުކުމުގެ އެ ބައި ބާތިލު ކުރީ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ދެ ފަރާތުގެ ބަހުން ވެސް މި ފައިސާއަކީ އަނބުރާ ދެއްކުމަށް ނަގާފައިވާ ފައިސާކަން ސާބިތުވާ ކަމަށެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަސްމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ، އެ މައްސަލަ ނިންމުމުގައި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެއެވެ. އެގޮތުން ތަސްމީނުގެ ފަރާތުން ވަނީ ހައިކޯޓުގައި ހަތަރު ކަމެއް ފާހަގަކޮށް އެކަމާއި ބެހޭ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާފަ އެވެ.
ޝަރީއަތުގައި ފާހަގަކުރި ފުރަތަމަ ނުކުތާއަކީ، ފައިސާ ނަގާފައިވަނީ ޚާއްސަ ހާލަތެއްގައި އާއްމު ވިޔަފާރީގެ އުސޫލާއި ޚިލާފަށް ލިޔެކިއުމެއް ނެތި ވަކިކަމެއް މެދުވެރިވުމުން ފައިސާ އަނބުރާ ދެއްކުމުން ކަމަށެވެ. އެހެންކަމުން އެއީ މައްސަލައިގެ ވަރަށް މުހިންމު އަސާސެއް ކަމަށް ވިނަމަވެސް އެކަންތަކަށް ދައުވާ ކުރާ ފަރާތުން ޖަވާބު ދީފައި ނުވާއިރު މައްސަލަ ނިންމުމުގައި ވެސް އެކަމަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ. މީގެ އިތުރުން މައްސަލައިގައި ދައުވާކުރާ ފަރާތުން އެއްކަމެއްގައި ތަފާތު ދެ ގޮތަށް ވާހަކަ ދެއްކުމުން އެކަން ފަނޑިޔާރުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަމަށް ޝަރީއަތުން ރިއާޔަތްކޮށްފައި ނުވާކަމަށް ވެސް ތަސްމީނުގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެ އެވެ.
ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ޝަރީއަތުގައި ތަސްމީނު ފައިސާ ދެއްކުމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ދަށު ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ތަސްމީނުގެ ވިދާޅުވެފައިވަނީ، އެ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާނީ ކަނބާލިފަރު ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށެވެ. ދަރަނީގެ ފައިސާ ހޯދުމަށް ކަނބާލިފަރު ގަންނާނެ ފަރާތެއް ހޯދުމަށް އަހުމަދު ނާޒިމު ހޯދައި ލިބެންޖެހޭ ދަރަނީގެ ފައިސާ އަމިއްލައަށް ހޯދުމުގެ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް ނޫންކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ސިވިލް ކޯޓުން އަހުމަދު ތަސްމީނު އަލީ، އަހުމަދު ނާޒިމު އަތުން ނަގާފައިވާ 2.5 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާވާ 1.92 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައިވަނީ 2011، އޭޕްރީލް 21 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް އެ ހުކުމުގައިވާ ގޮތުގެ މަތިން އެއްވެސް ފައިސާއެއް މިހާތަނަށް ތަސްމީނު އަނބުރާ ދައްކަވާފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ.
މީގެ ދެ އަހަރުކުރިން ސިވިލް ކޯޓުން ނިންމާފައިވާ އެ މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމުގެ އަތުން އަނބުރާ ދެއްކުމަށް ނަގާފައިވާ 2.5 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާވާ 1.9 މިލިއަން ރުފިޔާ ހޯދުމަށް ނާޒިމުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ