މައުމޫން ހިމާޔަތްކުރަން ޑީއާރުޕީން އަބަދުވެސް ގުރުބާންވާނެ: ކާނަލް

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ބާނީ މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާ ހިމާޔަތް ކުރުމަށް އެ ޕާޓީއަށް ވެވުނު ކޮންމެ ގުރުބާނީއެއް އަބަދުވެސް ވާނެ ކަމަށް ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ރޭ ވިދާޅުވެއްޖެ އެވެ. ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކާނަލް ވިދާޅުވީ މައުމޫނަކީ 30 އަހަރު ވަންދެން ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އޭރު ގައުމުގެ އާންމު ހާލަތު ވެސް އޮތީ ވަރަށް ދަށުގައި ކަމަށެވެ. އެކަމަކު ރާއްޖެ އަކީ މެދުފަންތީގެ ގައުމެއްގެ ގޮތުގައި މިއަދު އޮވެވެނީ މައުމޫންގެ ވެރިކަމުގެ ސަބަބުން ކަމަށް ކާނަލް ވިދާޅުވި އެވެ. ޑީއާރުޕީގެ ކުރީގެ ލީޑަޝިޕާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި މައުމޫން ވަނީ އެ ޕާޓީން ވަކިވެވަަޑައިގެން ޕީޕީއެމް އުފައްދަވައިފަ އެވެ. އަދި ޕީޕީއެމްގެ ރައީސަކީ މައުމޫން ކަމަށްވާއިރު މިހާރުގެ ސަރުކާރު ހިންގަނީ އެ ޕާޓީންނެވެ. ކާނަލް ވިދާޅުވި ގޮތުގައި ޑީއާރުޕީގެ އެތެރޭގެ ދަރަނިތަކުގެ މައްސަލަތައް ކޯޓުން ބޭރުން ހައްލުކޮށް، މިހާރު ވަނީ އެ ޕާޓީ ހިންގޭ ވަރަށް ދަރަނި ކުޑަކޮށްފަ އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިރާދަކުރެއްވިއްޔާ މި އަހަރުގެ މިނިވަން ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު ދިވެހި ރައްޔިތުންގެ ޕާޓީގެ އެއްވެސް ދަރަންޏެއް ނޯންނާނެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑު ދެކެނީ،" ކާނަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުންތަކެއް ޑީއާރުޕީއާ ގުޅިވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ކާނަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ލޯގޯ ރީބްރޭންޑް ކުރުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ކާނަލް ވިދާޅުވީ ޑީއާރުޕީ އަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ އަދި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަން ބޭނުންވާ ޕާޓީއެއް ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި މިހާރު ހުރި ނުތަނަވަސްކަން ހައްލު ކުރަން މަޝްވަރާގެ މޭޒުދޮށަށް ދިއުމަށް ޑީއާރުޕީން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު ފެންނަނީ މަޝްވަރާ އަށް ހުރި ފުރުސަތުތައް ހަނިވަމުންދާ ތަން ކަމަށް ކާނަލް ވިދާޅުވި އެވެ. "ދިވެހި ރައްޔިތުންގެ ޕާޓީން އަބަދުވެސް ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމަށް ރަނގަޅު، މޮޅު ގޮތްތައް ފަހިވެފައި އޮތުން. އަދި އަޅުގަނޑުމެންގެ ރާއްޖެ އަކީ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާ، މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި ތާއަބަދު އޮތުން،" ކާނަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޝަރީއަތާ ގުޅިގެން އުފެދިފައިވާ ނުތަވަސްކަމާ މެދު ޑީއާރުޕީން ކަންބޮޑުވާ ކަމަށެވެ. އަދި ނަޝީދު ވިޔަސް އަދި އެންމެ އާދައިގެ މީހާ އަށް ވިޔަސް އިންސާފުވެރި ޝަރީއަތެއް ބޭނުންވާ ކަމަށް ކާނަލް ވިދާޅުވި އެވެ. "މި މައްސަލަތަކަށް އެތެރޭގެ ހައްލުތަކެއް ހޯދޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ