ވަކީލަށް ނާންގައި، ބަންދު މުއްދަތު ޖެހުމުން އެކަން ހައި ކޯޓުން ބާތިލްކޮށްފި

ދިފާއީ ވަކީލަށް ވާހަކަ ދައްކަން ފުރުސަތު ދިނުމެއް ނެތި މީހަކު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ. ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ޅ. ހިންނަވަރުން ހައްޔަރުކޮށްފައިވާ އެ މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުން ބާތިލްކުރީ އޭނާގެ ދިފާއީ ވަކީލަށް އެންގުމަކާ ނުލައި، ބަންދާ މެދު ގޮތެއް ނިންމާފައިވާތީ އެވެ. ބަންދާ މެދު ގޮތެއް ނިންމަން، ތުހުމަތު ކުރެވޭ މީހާ ކޯޓަށް ގެންދާ ގަޑި، ދިފާއީ ވަކީލުންނަށް އަންގަނީ ފުލުހުން ކަމަށް ވިޔަސް އެކަން ނިންމިއިރު، އޭނާގެ ދިފާއީ ވަކީލަށް ފުލުހުން އަންގާފައެއް ނުވެ އެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުން މަހްރޫމްވެފައިވާ ކަމަށެވެ. އެހެންވެ އެ ހައްގުން އޭނާ މަހްރޫމްކޮށް، ބަންދުގައި ބަހައްޓަން ނިންމި ނިންމުން ބާތިލްކުރަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ. އެ މީހާ ބަންދުގައި ބަހައްޓަން ކުރި އަމުރު ހައި ކޯޓުން ބާތިލް ކުރިއިރު، އެ އަމުރުގެ މުއްދަތު ހަމަވެ، އެހެން އަމުރެއްގެ ދަށުން އެ މީހާ ހުރީ ބަންދުގަ އެވެ. އެހެންވެ ފަހުން ނެރުނު އަމުރު ވެސް ބާތިލްކުރަން އެ މީހާގެ ފަރާތުން ހައި ކޯޓުގައި އެދުނަސް އެ ކޯޓުން ނިންމީ ފަހުން އެއީ ވަކި އަމުރެއް ކަމަށް ވާތީ އެ އަމުރު ބާތިލް ކުރެވެން ނެތް ކަމަށެވެ. ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި މީހަކު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރެއް ވެސް ކުރިން ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ