އަލްގީންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްޗަށް ދައުލަތުން ކުރި ޚިޔާނާތުގެ ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ. މިހާރު އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމުގައި ހުންނެވި އަލްގީންގެ މައްޗަށް ދައުލަތުން އެ ދައުވާކުރީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރާ ދެމެދު އޭނާ ޑިޕާޓްމެންޓް އޮފް މީޓިއޮރޮލޮޖީގެ ޑިރެކްޓަރަކަށް ހުންނެވިއިރު ބޭރު ކުންފުންޏަކުން ސަރުކާރަށް ދިން 177،000 އަށް ވުރެ ގިނަ ޑޮލަރު (2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް އޭނާ ޚިޔާނާތްތެރިވި ކަމަށް ބުނެ އެވެ. ޖަޕާނުގެ ކުންފުންޏަކުން ރާއްޖޭގައި ކުރި މޫސުމާބެހޭ ތަހުލީލުތަކަކަށް ފަހު ސަރުކާރަށް ހަވާލުކުރަން ފޮނުވި އެ ފައިސާތައް އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރިޔަސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ ފައިސާއަކީ ދައުލަތުގެ ފައިސާއެއް ކަން ސާބިތުނުވާ ކަމަށާއި އެހެންވެ އަލްގީން ކުށްވެރިނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މިއަދު ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އަލްގީންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ. މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާނު ހުކުމް އިއްވަމުން ވިދާޅުވީ އެ ފައިސާއަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެ ފައިސާއަކީ ޖަޕާނުގެ ކުންފުނީގެ ފައިސާތަކެއް ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އެ ފައިސާއަކީ އެ ކުންފުނިން ރާއްޖޭގައި ހަރަކާތްތެރި ވާއިރު ކުރަންޖެހޭ ޚަރަދުތައް ކުރަން ފަސޭހައަކަށް އަލްގީންގެ އެކައުންޓަށް ޖަމާކުރި ފައިސާކަން ވެސް ހެކިންގެ ބަހުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ފަނޑިޔާރު ޝުޖާއު ވިދާޅުވި ގޮތުގައި އެ ފައިސާއަކީ ޖަޕާނު ކުންފުނީގެ ފައިސާތަކެއް ކަން ހެކިންގެ ބަހުން އެނގޭއިރު އެކަން އޮތީ އެހެން ނޫންކަން ސާބިތުކޮށްދެވޭ ފަދަ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައެއް ނުވެ އެވެ. އަދި އެ ފައިސާ ނުލިބިގެން އެއަށް ވީ ގޮތެއް ހޯދަން ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އަލްގީންގެ މައްޗަށް ކުރީ ސަރުކާރުގެ ފައިސާއަކަށް ޚިޔާނާތްތެރިވުމުގެ ދައުވާ ކަމަށްވާއިރު އަލްގީންގެ އަތުގައި ހުރީ ސަރުކާރުގެ ފައިސާ ކަން ސާބިތުވާންޖެހޭނެ ކަމަށާއި ނަމަވެސް އެ ފައިސާއަކީ ޖަޕާނު ކުންފުނީގެ ފައިސާ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ޚިޔާނާތުގެ ކުށް ސާބިތުވާން އޮންނަ ހަތަރު އުންސުރުން ކުރެ އެންމެ އުންސުރެއް މަދުވިޔަސް އެ ކުށް ސާބިތުނުވާނެ ކަމަށް ވެސް ފަނޑިޔާރު ޝުޖާއު ވިދާޅުވި އެވެ. ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޯޓުގައި މައްސަލަ ބޭއްވުމަށް ފަހު އަލްގީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އޮގަސްޓް، 2012 ގަ އެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ވެސް އެކި ސަބަބުތަކާ ހެދި އެ މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ނުގެންދެވިފައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ