ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުގެ ދައުވާއަށް އިންތި އިންކާރުކޮށްފި
ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ. އިންތިގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ސުޕްރީމް ކޯޓާއި އެ ކޯޓާ ބެހޭގޮތުން ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މިއަދު އޮތް ޝަރީއަތުގައި ދައުލަތުން އުފުލި ދައުވާގައި ވަނީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ތަބާނުވުމަށް އިންތި ގޮވާލެއްވި ކަމަށެވެ. އަދި އެ ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ ރަން ބުއްދި ގޮސްފައިވާ ބައެއް ކަމަށް ވިދާޅުވެ އެ ކޯޓާ ބެހޭގޮތުން ނުބައި ތަސައްވުރެއް ދެއްކުމަށް އިންތި މަސައްކަތް ކުރައްވާފައިވާ ކަމަށް ދައުވާގައިވެ އެވެ. އެހެންކަމުން ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ގެ ހ. ގެ ދަށުން ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލީ ކަމަށް އެ ދައުވާގައިވެ އެވެ. ދައުވާ އިއްވުމުން އިންތި ވިދާޅުވީ އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް ވަނީ އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ 24 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ