ގައުމީ މަސްލަހަތު ނަގާލަން ޖޭޕީން މަސައްކަތެއް ނުކުރަން: ގާސިމް

ގައުމީ މަސްލަހަތު ނަގާލަން ޖުމްހޫރީ ކޯލިޝަނުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެ ޕާޓީން ކުރަމުންދަނީ ހަގީގަތް ހާމަކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. މ. ކުނޫޒުގައި އެ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ ޕާޓީން ކުރާ މަސައްކަތަކީ ހަގީގަތް ހާމަކުރުން ކަމަށާއި އިތުރު ވޯޓު ކަރުދާސްތައް ވޯޓު ފޮށިތަކަށް އަޅާ ކަމަށް ބުނާ މައްސަލައަކީ ކުރިން ވެސް ދައްކަމުންދާ ވާހަކައެއް ކަމަށެވެ. އަދި އެ ވާހަކަ ދައްކަން ކެރުނީ ހަމައެކަނި ޖޭޕީ އަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި މައްސަލަތައް ހުރި ކަމަށް އެހެން ކެނޑިޑޭޓުން ވެސް ބުނަމުންދާއިރު ގައުމީ މަސްލަހަތު ނަގާލަން އެ ޕާޓީން ކުރާނީ ކޮން ކަމެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ. "ރައީސް ނަޝީދު ވެސް ވިދާޅުވެފައި މިވަނީ، އެ ބޭފުޅުން ފުރަތަމަ ވިދާޅުވީ ވަރަށް ބޮޑު މައްސަލަ އެބަހުއްޓޭ، އިތުރަށް މީހުން ވޯޓުލާފައި އެބަހުއްޓޭ، އަނެއްކާ ޕީޕީއެމުން ވެސް އެ ވާހަކަ ކޮންޓިނިއުއަސްކޮށް ރަނގަޅު ނޫން ކަމަށް އެބަ ވިދާޅުވޭ، ދެން އަޅުގަނޑުމެން މިދައްކަނީ ކޮން ވާހަކައެއްތޯ މިނޫން އެހެން، ކޮބައިތޯ ގައުމީ މަސްލަހަތު ނަގާލުމަށް އަޅުގަނޑުމެން ކުރާ ކަމަކީ، އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއް ނެތް ގައުމީ މަސްލަހަތު ނަގާލަން، އަޅުގަނޑުމެން މިކުރާ ކަމަކީ ގާނޫނު އަސާސީގެ ދަށުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުވަތަ ހަގީގަތް ހާމަކުރުމުގެ މިނިވަންކަން ލިބިފައިވާތީ އެކަން އަޅުގަނޑުމެން މިކުރަނީ" ގާސިމް ވިދާޅުވި އެވެ. ގާސިމް އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ޖޭޕީން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެގޮތުން ވޯޓުލީ މީހުންގެ ލިސްޓު ދެވޭނީ ކޯޓުން އަމުރުކުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން އެގޮތަށް ކޯޓަށް ގޮސްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ޕާޓީތަކުގެ ގާނޫނާއި ޚިލާފްވާ ފަރާތްތައް އުވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ރާއްޖޭގެ ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހި މައްސަލައިގައި އެ ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އަދި އުސް ފަސްގަނޑުގައި ތިބެގެން ފުލުހުންނާއި ސިފައިންނަކީ ބާޣީން ކަމަށް ގޮވަމުން ދިޔައިރު އިލެކްޝަންސް ކޮމިޝަނުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމާ މެދު ގާސިމް ސުވާލު އުފެއްދެވި އެވެ. އަދި ކިތަންމެ ބިރެއް ދެއްކިޔަސް އެ ޕާޓީން ފަހަތަށް ނުޖެހޭނެ ކަމަށާއި އެ ޕާޓީ އުވައެއް ވެސް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި "ކުރަފަތް ތޫނުކޮށްގެން ދަޅަ އެޅުވިޔަކަސް" ބިރު ނުގަންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "މިއަދު ތިބޭފުޅުން ތިގޮތަށް މަސައްކަތް ކުރެއްވިޔަސް އަޅުގަނޑުމެން މި ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން، އަޅުގަނޑުމެން މިކަންތައް ކުރާނަން. ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް އަޅުގަނޑުމެން ކުރާނަން އިނގޭތޯ، އަދި ދަންނަވާލަންތޯ ޖުމްހޫރީ ޕާޓީ އުވައެއް ވެސް ނުލެވޭނެ، އެއީކީ ވެސް ކުރެވޭނެ ކަމެއް ނޫން" ގާސިމް ވިދާޅުވި އެވެ. ގާސިމްގެ ރަނިންމޭޓް ޑރ، ހަސަން ސައީދު ވެސް އެ ޖަލްސާގައި ވިދާޅުވީ އެ ޕާޓީއާ މެދު ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދެމުން ގެންދާއިރު ފެބްރުއަރީ އަށް ވަނަ ދުވަހު ސިޔާސީ ޕާޓީއަކުން ނިކުމެ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިނުވާތީ ސުވާލު އުފެދޭ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނާއި ކޯޓުތަކުގެ ފަނޑިޔާރުން ދަންޖައްސަން ގޮވަމުންދާއިރު ވެސް އެފަދަ ޕާޓީތަކާ މެދު ފިޔަވަޅު އަޅާފައި ނެތްކަން ޑރ. ހަސަން ވެސް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ