އެއްވެސް ބަޔަކަށް އެއްބުރުން ނިންމޭނަމަ އެ ބަޔަކީ ޖުމްހޫރީ ގުޅުން: ގާސިމް

މިފަހަރުގެ ރިޔާސީ އިންތިހާބު އެއްވެސް ބަޔަކަށް އެއްބުރުން ކާމިޔާބު ކުރެވޭނެ ނަމަ އެބަޔަކަށް ވާނީ ޖުމްހޫރީ ގުޅުން ކަމަށް ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނު އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ގާސިމް މާލެ ވަޑައިގެންނެވީ މިއަދު މެންދުރު އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަލެވަޑައިގެން ރަސްމީ ފާލަމުގައި ހުންނަވައިގެން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމާނީ ޖުމްހޫރީ ގުޅުމުގައި ހިމެނޭ އެހެން ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ އިތުރުން އާދާލަތު ޕާޓީއާއި، ގައުމީ ޕާޓީއާއި ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރާ އޭނާއަށް ތާއީދުކުރާ ފަރާތްތައް ވެސް ހިމެނެ އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅުގައި ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް ޖުމްހޫރީ ގުޅުމަށް އޮތް ތާއީދު ބޮޑުވެފައިވާ ކަމަށާއި ބައެއް ރަށްރަށުގައި ކުރިޔަށްވުރެ ވެސް ތާއީދު އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނާއެކު ކުރީގެ ވަޒީރުން ކަމަށްވާ އިލްޔާސް އިބްރާހީމާއި އައްބާސް އިބްރާހިމް ވަޑައިގަތުމުން ތާއީދު ބޮޑުވި ކަމަށާއި އެ ދެ ބޭފުޅުން ޖުމްހޫރީ ގުޅުމަށް ތާއީދު ކުރެއްވުމަކީ އައްމު ރައްޔިތުން ވެސް އެކަމާމެދު ވިސްނި ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ