މާފަށް އެދެން ޖެހެނީ އުމަރެއް ނޫން، މައުމޫން: ރޮޒެއިނާ
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރާއި އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ "އަރައިރުމުގެ" ތެރެއިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ޑީއާރުޕީގެ ކައުންސިލް މެމްބަރު ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ. ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ އޭނާ ވިދާޅުވީ ޑީއާރުޕީގެ އާންމު މެމްބަރުންގެ ކިބައިން އެ ޕާޓީގެ ކުރީގެ ޒައީމް މައުމޫން މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ މައުމޫންގެ ވެރިކަން ބަދަލުވި ފަހުން ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އަކީ ޑީއާރުޕީ ކަމަށާއި މައުމޫން އެ ޕާޓީ "ހަލާކުކޮށް" ނަޝީދުގެ ސަރުކާރު ޒިންމާދާރު ނުކުރެވި ޕާޓީން މެމްބަރުންނަށް ހިދުމަތްތައް ނުދެވުނު ކަމަށެވެ. އަދި ޕީޕީއެމްގެ ތެރެއިން މިއަދު ފެންނަނީ އެ މަންޒަރު ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އުފެއްދީ މައުމޫންގެ "އާއިލާގެ ތެރޭގައި ވެރިކަން ބޭއްވުމަށް" ކަމަށެވެ. "ތަސްމީން ]ޑީއާރުޕީގެ ލީޑަރު[ ކޮން ކަމެއްތޯ ކުރީ؟ ރައީސް މައުމޫނަށް ނުވަތަ ރައީސް މައުމޫންގެ އާއިލާ އަށް ކޮން ކަމެއްތޯ ކުރީ؟ ތާރީހަށް ބަލާލި ކަމަށް ވަންޏާ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ރައީސް މައުމޫންގެ އާއިލާ އަށް ބެއްޔަސް، ރައީސް މައުމޫނަށް ބެއްޔަސް ގިނަ ފަހަރު ދެބަސްވުމަކަށް ގޮސްގެން އެކި ފާޑުގެ މަޖައްލާތައް ނެރެ، އޭތި މީތި ގޮވައި، ދެން އަޅުގަނޑު މި ހުރިހާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. މި ހުރިހާ ވާހަކައެއް އުމަރު ނަސީރު ދައްކައި ނިންމައިފި މިހާރު،" ރޮޒެއިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް ތެރެއިން މިހާރު ފެންނަނީ މާޒީގެ ސަފުހާތައް ހުޅުވޭތަން ކަމަށެވެ. "އެއީ ޑީއާރުޕީގެ ޖަލްސާގައި ހުރި މޭޒު ތަޅާލާފައި ޑީއާރުޕީގެ ލީޑަރަށް ވަގަށް ގޮވާފައި ޑީއާރުޕީގެ ނަމުގައި އެތައް ޕްރެސް ކޮންފަރެންސެއް ބާއްވާފައި ޑީއާރުޕީގެ ނަމުގައި އެތައް ޖަލްސާތަކެއް އަޅުގަނޑުމެން ކެނޑިނޭޅި ޕާޓީގެ ކައުންސިލުން ނަހަދާށޭ ބުނަމުން ދަނިކޮށް ]ޖަލްސާތައް[ ބާއްވާފައި، އެ ހުރިހާ ކަމަކަށް ރައީސް މައުމޫން ހިތްވަރު ދެއްވާފައި، ހަގީގީ ޑީއާރުޕީ އަކީ ޒެޑް ޑީއާރުޕީ ކަމަށް ވިދާޅުވެފައި މިއަދު ކިހިނެއްތޯ މިވީ؟ ކޮންތާކުތޯ މި ޖެހުނީ؟،" ރޮޒެއިނާ ވިދާޅުވި އެވެ. "މިއަދު އެންމެ ޖަލްސާއެއް ރައީސް މައުމޫނާއި ރައީސް މައުމޫންގެ ކޮއްކޯފުޅާ ދެކޮޅަށް ބޭއްވުނުއިރު އުމަރު ނަސީރު ކަނޑާލަން ނިންމައިފި ޕާޓީން. އެ ދުވަހު ރަނގަޅުވި ކަންތައްތައް މިއަދު ގޯސް މިވަނީ ކީއްވެގެންތޯ؟ އޭރު ޑީއާރުޕީއާ ދޭތެރޭގައި އެ ގޮތަށް އަމަލުކުރީމާ، އޭރު ތަސްމީނާ ދޭތެރޭގައި އެ ގޮތަށް އަމަލުކުރީމާ އުމަރު ނަސީރުގެ ހުރިހާ ހަރަކާތްތަކަކީ ވަރަށް ރަނގަޅު ހަރަކާތްތަކަކަށް ވެގެން ދިޔައީ. މިއަދު ޔާމީނާ ދެކޮޅަށް ހަމަ އެ ކަންތައް ކުރަން ފެށީމާ ގޯސްވެއްޖެ." އޭނާ ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު ކުންފުނިން ތަސްމީނަށް ދިން ކަމަށް ބުނާ ޓިކެޓަކީ ވެސް ސީދާ މައުމޫން އުމަރަށް ދެއްވި އެއްޗެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. "އެހެންވީމާ އެ ޓިކެޓް އައި ތަނެއް ވެސް އެނގިވަޑައިގަންނަވާނެ އެ ބޭފުޅާ އަށް. އެކަމަކު އެންޓި ކޮރަޕްޝަން ކޮމިޝަނުން ސުވާލު ކުރެއްވީމާ އެ ބޭފުޅާ ވިދާޅުވީ ތިމަންނަ ހަނދާނެއް ނެތޭ އެއިން އެއްވެސް ވާހަކައެއް. މިއަދު މިއީ އެއް ބުރުން، ފުރަތަމަ ބުރުން ޑީއާރުޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ޑީއާރުޕީ، ޑީއާރުޕީގެ ގޮތުގައި އޭރު އޮތް ގޮތަށް އޮތް ނަމަ. އެހެން ނަމަވެސް އަމިއްލަ އާއިލާ އަށް ވެރިކަން ހޯދައި ދިނުމަށްޓަކައި، އަމިއްލަ ކޮއްކޮ އަށް ރިޔާސީ ކެންޑިޑޭޓްކަން ހޯދައި ދިނުމަށްޓަކައި އެ ކުރި މަސައްކަތުގެ ވާހަކަ އުމަރު ނަސީރު މިއަދު އެ ދައްކަނީ،" ރޮޒެއިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު ކޯލިޝަން ހެދުމަކީ ވެސް ބޭނުންތެރިކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި ކަމަށެވެ. އަދި ހަމައެކަނި "ރައީސް މައުމޫންގެ ނަން ބޭނުންކޮށްގެން" އެ އިންތިހާބު ކާމިޔާބުވާނެ ކަމަށް އޭރު ވެސް ބުނަމުން ދިޔަ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އެމްޑީޕީ އާއި ޕީޕީއެމަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ އެ ދެ ޕާޓީން ގެންގުޅެނީ ބަދަލު ހިފުމުގެ ރޫހު ކަމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް "ދުވަސް ދުއްވާލުމުގެ" ވިސްނުމެއް ކަމަށެވެ. އަދި އެއީ ގައުމެއް ކުރިއަރަން ބަލާއިރު ރަނގަޅު ގޮތެއް ނޫން ކަމެއް ރޮޒެއިނާ ވިދާޅުވި އެވެ. ރޮޒެއިނާ ވިދާޅުވީ އުންމީދު ކުރައްވަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކޮންމެވެސް "އާ ބޭފުޅަކު" ކާމިޔާބު ކުރެއްވުން ކަމަށެވެ. "އަޅުގަނޑު ދަންނަވާނީ ޕީޕީއެމާ އެމްޑީޕީ ވެރިކަމަށް އައުމަކީ މި ގައުމުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެއްވެސް ތަރައްގީއެއް ނޯންނާނެ. އެއްވެސް ކުރިއެރުމެއް އަޅުގަނޑުމެންނަށް ފެންނާނެ ދުވަސްތަކެއް ފެންނާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ