އިންޓަނެޓަށް ދުވަހަކު ވެސް ދީފައި ނުވާ ފަދަ ވަރުގަދަ ހަމަލާއެއްގައި ދުނިޔޭގެ އިންޓަނެޓް ސްލޯވެއްޖެ
އިންޓަނެޓުގެ ތާރީހުގައި މިހާތަނަށް ދީފައި ނުވާ ވަރުގެ ވަރުގަދަ ހަމަލާއެއްގެ ސަބަބުން މުޅި ދުނިޔޭގެ އިންޓަނެޓް ހިދުމަތަށް ހުރަސްތައް ކުރިމަތިވެއްޖެ އެވެ. ބީބީސީގައި ބުނެފައި ވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އިންޓަނެޓް ސްލޯވެފައި ވަނީ ސްޕޭމްއާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕަކާއި ހޯސްޓިންގެ ހިދުމަތް ދޭ ކުންފުންޏަކުން އެއްބަޔަކު އަނެއް ބަޔަކަށް ރައްދުގައި ހަމަލާތައް ދޭން ފެށުމުން ކަމަށެވެ. މި ސައިބަ ހަމަލާތަކުގެ ސަބަބުން، ނެޓްފްލިކްސް ފަދަ މަޝްހޫރު ހިދުމަތްތަކަށް ހުރަސް އެޅިފައިވާ ކަމަށާއި ބޭންކިން އާއި އީމެއިލްގެ ހިދުމަތްތަކަށް ވެސް ހަމަލާތައް އަމާޒުކޮށްފާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރައްވާ ކަމަށް ބީބީސީގައިވެ އެވެ. މި ހަމަލާތައް ފަސް ގައުމެއްގެ ސައިބަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. މި ހަމަލާތަކުގައި އެއްކޮޅުން ހިއްސާވާ ބަޔަކީ އީމެއިލްތަކަށް އަންނަ ސްޕޭމް ނުވަތަ ބޭކާރު މެއިލްތައް ފިލްޓަކުރުމަށް މަސައްކަތްކުރާ ފާމެއް ކަމަށްވާ ސްޕޭމްހޯސް އެވެ. މިއީ ލަންޑަނާއި ޖެނީވާގައި ގާއިމުވެގެން މަސައްކަތްކުރާ ބައެކެވެ. މި ފާމުން މަސައްކަތްކުރަނީ ބޭކާރު މެއިލްތައް އަންނަ ސާވާތައް ދެނެގަނެ ބްލެކްލިސްޓުކުރުމުގަ އެވެ. މި ފާމްއާ ދެމެދު މައްސަލަ ޖެހުނީ ހޮލެންޑުގައި ދާދި ފަހުން ހަރަކާތްތެރިވާން ފެށި ހޯސްޓިން ފާމެއް ކަމަށްވާ ސައިބަބަންކާ ކިޔާ ބަޔަކާ އެވެ. ސްޕޭމްހޯސް އިން ސައިބަބަންކާގެ ސާވާ ބްލެކް ލިސްޓަށް ލާފައި ވަނީ އެ ފާމުން، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކާއި ޓެރަރިޒަމާ ގުޅޭ އެއްޗެހި ނޫން ކޮންމެ އެއްޗެއް ވެސް ހޯސްޓްކޮށްދޭނެ ކަމަށް ބުނެ އިސްތިހާރުކުރަން ފެށުމާ އެކުގަ އެވެ. ސައިބަބަންކާގެ ތަރުޖަމާނެއް ކަމަށް ބުނާ މީހަކު ވަނީ ސްޕޭމްހޯސް އިން ނަހަމަ ގޮތުގައި ބާރުތައް ބޭނުންކުރާ ކަމަށް ބުނެފަ އެވެ. އޭނާ ބުނެފައި ވަނީ އިންޓަނެޓަށް އަންނަން ޖެހޭ އެއްޗިއްސާ ނާންނަން ޖެހޭ އެއްޗެހި ކަނޑައެޅުމުގެ ބާރެއް ސްޕޭމްހޯސް އަށް ނޯންނާނެ ކަމަށެވެ. ސްޕޭމްހޯސް އިން ބުނަނީ ސައިބަބަންކާ އިން ސައިބަ ހަމަލާ ދެމުން ދަނީ އިރުމަތީ ޔޫރަޕާއި ރަޝިއާގައި އުޅޭ، ކުށުގެ އަމަލުތައް ހިންގާ ގްރޫޕްތަކާ ގުޅިގެން ކަމަށެވެ. އެ ފާމުން ބުނީ އެ ފާމަށް ސައިބަ އެޓޭކް ކުރިމަތިވެގެން އުޅޭތާ ހަފުތާއެއް ވެއްޖެ ކަމަށެވެ. އެގޮތުން ސިކުންތަކު 300 ބިލިއަން ބިޓްސްގެ ސްޕީޑުގައި ޑީޑޮސް އެޓޭކެއް ދެމުން އަންނަ ކަމަށާއި އެކަމަކު އެވަރުން ވެސް ސްޕޭމްހޯސްގެ ހިދުމަތް ހުއްޓުމަކަށް ނާންނަ ކަމަށް އެ ފާމުން ބުނެ އެވެ. އަދި އިންޓަނެޓަށް އަމާޒުވެފައިވާ ހަމަލާގެ މިންވަރު ލަފާކޮށްލަން އެނގޭ ވަރަށް ވުރެ ވެސް ބޮޑު ކަމަށް ބުންޏެވެ. ތަޖުރިބާކާރުން ވިދާޅުވަމުން ދަނީ މި ސައިބަ ހަމަލާގެ ސަބަބުން މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް އެކި މިންވަރަށް އަސަރުކުރަމުން ދާނެ ކަމަށެވެ. އަދި ހަމަލާދޭ މީހުން ދަނީ ހިދުމަތަށް ބުރޫ އަރުވާލެވޭނެ ކޮންމެ ދިމާލަކަށް ހަމަލާ ދެމުން ކަމަށް ވެސް ބީބީސީ އަށް މައުލޫމާތު ދެއްވި ތަޖުރިބާކާރުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ