ހަނިމާދޫ އެއާޕޯޓް ބޮޑުކޮށް، އުތުރުގައި ޓޫރިޒަމް ފުޅާކުރާނަން: ގާސިމް
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޮޑެތި ބޯޓުފަހަރު ޖެއްސޭ ވަރަށް އެތަން ތަރައްގީކޮށް، އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރާނެ ކަމަށް އެ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ހަނިމާދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 7 ގައި ބާއްވާ ރިއާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބުކުރެވިއްޖެ ނަމަ، 1،200 މީޓަރުގެ ހަނިމާދޫ އެއާޕޯޓް ތިން ކިލޯ މީޓަރަށް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ފަށާނެ އެވެ. އެ މަސައްކަތް ކުރާނީ ސަރުކާރުގެ ހަރަދުގައި ކަމަށާއި އެއާޕޯޓް ތަރައްގީކުރުމާ އެކު އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަށް ބޭރުގެ ފަރާތްތަކުންނާއި ރާއްޖޭގެ ފަރާތްތަކުން ޝައުގުވެރިވެ އިންވެސްޓްކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާގެ އަމާޒަކީ އުތުރުގައި 6،000 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ތަރައްގީކުރުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު މަންޒިލެއް ކަމަށާއި ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކާ އަދި އިންޑިއާއާ ވެސް އެންމެ ކައިރީގައި އޮތް ރާއްޖޭގެ އެއާޕޯޓަކީ ހަނިމާދޫ ކަމަށްވުމުން، އުތުރުގެ އަތޮޅުތަކުގައި ވަރަށް ފަސޭހަ އިން ޓޫރިޒަމް ތަރައްގީކުރެވޭނެ ކަމަށް، ރިސޯޓްތައް ހިންގާ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް ވިދާޅުވި އެވެ. "އެހެންވީމާ މާތް ﷲގެ ވާގިފުޅާއެކީ އެ ދުވަހަކީ އަޅުގަނޑުމެންގެ ރަން ޒަމާން،" ގާސިމް ވިދާޅުވި އެވެ. އިންޑިއާ އިން އެކަނިވެސް އަހަރަކު އެތައް މިލިއަން މީހުންނެއް ޗުއްޓީ ހޭދަކުރަން ގައުމުތަކަށް ދާއިރު، ކުޑަ ހަރަދަކުން ޗުއްޓީ ހޭދަކުރަން އެ މީހުން ވެސް ބޭނުންވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ގެސްޓް ހައުސްތައް ތައާރަފުވެގެން އަންނައިރު، އެ ތަންތަނަށް ކުރަންޖެހޭ ހަރަދު ކުޑަވުމުން ގެސްޓް ހައުސްތަކަށް އަންނަ މީހުން އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރާނެ ގޮތަކާ މެދު ބައެއް މީހުން ސުވާލު އުފައްދަފާނެ ކަމަށާއި ނަމަވެސް އެކަންކުރާނެ ގާބިލް ބޭފުޅުން އޭނާއާ އެކު ތިއްބެވި ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ގާސިމް ފާހަގަކުރެއްވި ދެ ބޭފުޅުންނަކީ ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ ނަމެވެ. ކަމާލުއްދީނަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރި ދުވަސްވަރުން ފެށިގެން އެ ކަމުގައި އަމަލީ ގޮތުން އުޅުއްވި ބޭފުޅެއް ކަމަށާއި ރާއްޖެތެރޭގައި ހަދާފައިވާ އެއާޕޯޓްތައް ހެދުމުގެ އިލްޔާސްގެ ވަރަށް ބޮޑު ދައުރެއް އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. "އިލްޔާސް، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަ ދުވަހު އަޅުގަނޑަށް ފުލް އެހީތެރިކަން ވެދެއްވާނެ ކަމަށް ޝައްކެއް ނުކުރަން،" ގާސިމް ވިދާޅުވި އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި އެކަމުގެ އެންމެ ގާބިލް ބޭފުޅުން އޭނާއާ އެކު އަތާއި އަތް ގުޅާލައްވާނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށާއި އެކަމަށް ބޮޑު ތިލަދުންމަތި ގުރުބާންވާން ތައްޔާރަށް އޮތް ކަމާ މެދު ވެސް ޝައްކެއް ނުކުއްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. �އެހެންވީމާ އަޅުގަނޑަށް މިކަން ވެގެންދާނީ ވަރަށް ލުއި ފަސޭހަ މަސައްކަތެއްގެ ގޮތުގައި، އިނގޭތޯ؟� ގާސިމް ވިދާޅުވި އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު ރާއްޖޭގެ އެހެން އެއާޕޯޓްތަކަށް ވުރެ މޮޅުވާނެ ކަމަށް އިޝާރަތްކުރެއްވައި ގާސިމް ވިދާޅުވީ "ފަހުން ކިޔާ މާލޫދު މޮޅުވާނެ" ކަމަށެވެ. މި ފަހަރުގެ ރިއާސީ އިންތިހާބުގައި ވޯޓް ދެއްވުމުގައި ގޯހެއް ނުހެދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. "ތަނެއް ދޮރެއް ނުދަންނަ ތަޖުރިބާއެއް ނެތް މީސް މީހުންނަށް، ހިޔާނަތްތެރިންނަށް، ދޮގު ހަދާ މީހުންނަށް އަޅުގަނޑުމެން ރާއްޖޭގެ ވެރިކަން ހަވާލު ނުކުރައްވައްޗޭ،" އޭނާ ވިދާޅުވި އެވެ. އޭނާގެ ވާދަވެރިންނަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ ކާބަފައިން ހޯދާދީފައިވާ ހަރުމުދާ ނުއަގުގައި ވިއްކާ ފަރާތަކަށާއި ގައުމު ފަސާދަކުރަން އުޅޭ މީހުންނާއި ބޮޑާކަމާއި ކިބުރުވެރިކަމުން ފުރިފައިވާ މީހުންނަށް މިފަހަރު ޖާގައެއް ނުދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ