މަޖިލިހުގެ ރައީސާއި ޒަކީ އަކީ މިގަރުނުގައި ގައުމު ދުށް އެންމެ ބޮޑު ދެ ޣައްދާރުން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހީދާއި ކުރީގެ ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ އަކީ މިގަރުނު ދުށް އެންމެ ބޮޑޫ ދެ ޣައްދާރުން ކަމަށް ޕީޕީއެމުގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޒަކީ އަކީ މި ގައުމަށް މި ގަރުނުގައި އެންމެ ބޮޑަށް ޣައްދާރުވި މީހާ ކަމަށާއި ތިނެއް ނޮވެމްބަރުގެ ހާދިސާ ހިނގި ދުވަހު ރައީސް މައުމޫނު ރާއްޖޭގައި ހުންނަވާނެކަމުގެ މައުލޫމާތު ތަމަޅަ ޖަމައާތެއްކަމަށްވާ ޕްލޮޓް ޖަމައާމަތަށް ދީފައިވަނީ ޒަކީ ކަމަށެވެ.
"ޒަކީ އަކީ އެންމެ ބޮޑު ޣައްދާރު. އޭނާ ޣައްދާރަކަށްވަނީ ސަބަބުތަކެއް ހުރެގެން. އޭގެ އެއް ސަބަބަކީ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ހިތާމަވެރި ހާދިސާ ހިނގި ދުވަހު ރާއްޖޭގައި ރައީސް މައުމޫނު ރާއްޖޭގައި ނޫޅުއްވާނެކަމުގެ މައުލޫމާތު ހަނގުރާމަވެރި ޖަމާއަތަށް ދީފައިވަނީ ޒަކީ. މިހާރު މި ގައުމަށް ބޭރުގެ ސިފައިން ގެނައުމަށް ދައުވަތު ދެމުން އެދަނީ އޭނާ. އެއީ ގައުމު ހަލާކޮށްލުން ކަހަލަކަމެއް. އެ ސަބަބުތަކާ ހެދި އޭނާއަކީ ޣައްދާރެކޭ މި ދަންނަވަނީ،" ވަރަށް ފޯރިއާއެކު ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވިއެވެ.
ސިފައިންގެ ހިދުމަތުގައި އުޅުއްވާފައިވާ އުމަރު އިތުރަށް ވިދާޅުވީ ޒަކީ އާއެކު އަނެއް ޣައްދާރަކީ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ކަމަށާއި ޝާހިދަކީ ވެސް ގައުމަށް އެކިއެކިގޮތްގޮތުން ޣައްދާރުވެފައިވާ ބޭފުޅެއްކަމަށެވެ.
"މީހުން ފެނުމުން ހެޔޮކަމާއެކު ބައްދަލުކޮށް ވާހަކަ ދައްކާ ހަދާނެ. އެގޮތަށް މަގުމަތީގައި އުޅޭނެ. އެކަމަކު އެއީ ވަރަށް ބޮޑު ޣައްދާރެއް. ގައުމަށް ގެއްލުމެއް ލިބިފައިވާ ނަމަ އެކަމުގައި އެ މީހުން ބައިވެރިވާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވިގޮތުގައި މައުމޫނު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ޒަކީ ހުންނެވި އިރު ޓޫރިޒަމް ދޫކުރި 11 ރިސޯޓުގެ ތެރެއިން ތިން ރިސޯޓެއް ނަގާފައިވަނީ ޒަކީ އާއި ޝާހިދުގެ އިތުރުން އޭރުގެ ބަންޑާރަ ނައިބު މުހައްމަދު މުނައްވަރު ހިއްސާވާ ކުންފުންޏަކުންނެވެ.
"އެކުންފުންޏަށް ނެގި ރަށްތައް ވިއްކާލާފައި ފައިސާ ހޯދީ. އެފައިސާއިން އެވަނީ ގެ ހަދާފައި. އެގޭގައި ހުންނާނެ ދެ ލިފްޓް. ކީއްވެތޯ ދެ ލިޕްޓް ހުންނަނީ. ނާޒާއިޒުގޮތުގައި ހޯދާ ފައިސާއިން ހަދާއިރު އެކަންކުރާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ ޝާހިދާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާގުޅިގެން ޝާހިދު ކޯޓަށް ވަޑައިގެންނެވި ނަމަވެސް މައްސަލައެއް ނެތްކަމަށާއި އޭނާ ދެއްކެވި ވާހަކަ ދިފާއުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އޭނާ އަދި ވިދާޅުވީ ގައުމަށް ޣައްދާރުވެ ގައުމަށް ބޭރުގެ ސިފައިން ގެނައުމަށް ދައުވަތުދޭ ހިސާބަށް ދިއުމުން ލޭގައިހުރިވަރު ދައްކާ ލައްވާނެކަމަށެވެ.
ޒަކީއާބެހޭ ގޮތުން އުމަރު ވާހަކަ ދެއްކެވިއިރު ޒަކީ ވަނީ ޖީއެމްއާރު އަތުން އެއާރޕޯޓް އަތުލުމަށް ކުރާ މަސައްކަތާގުޅިގެން ޖީއެމްއާރުން ހިންގާ އެއާރޕޯޓް ދިފާއު ކުރުމަށް އިންޑިއާ ސިފައިން ގެންނާނެކަމަށް ވިދާޅުވެ ވާހަކަ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ