އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންނަށް ފުރުސަތު ހޯދާ ދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމުން ރޭ ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ އަންހެނުންގެ ކުރިއެރުންތަކަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަދޭން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ޖެހެނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އަންހެނުންގެ ހައްގުތައް ހޯދާދިނުމަށާއި އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންނަށް ފުރުސަތު ހޯދާދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއަކީ ހަމަ އަޅުގަނޑުމެންގެ ޕީޕީއެމްއޭ." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގައުމެއް ތަރައްގީ ވާނީ އަންހެނުންނާއި ފިރިހެނުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި ހަމައެކަނި ފިރިހެނުން މަސައްކަތްކޮށްގެން ގައުމެއް ތަރައްގީ ނުވާނެ ކަމަށެވެ. އެހެންކަމުން އަންހެނުންނަށް ލިބޭ އުފަލަކީ ފިރިހެނުންނަށް ވެސް ލިބޭ އުފަލެއް ކަމަށާއި އަންހެނުންނަށް އުފާކުރާ ކޮންމެ މުނާސަބަތަކީ ފިރިހެނުން ވެސް އުފާކުރާނެ މުނާސަބަތެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިވާހަކަ މިދައްކަނީ ކޮންމެ ގައުމެއް ވެސް އެކުލެވިގެން ވަނީ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ހަމަ ހަމަ ގޮތެއްގައި، މާތް ﷲ ގެ މިންވަރުފުޅުން ގައުމެއްގައި ވެސް ދިރިއުޅެނީ އަންހެނުންނާއި ފިރިހެނުންގެ އަދަދު، ދާދި ހަމަހަމަކޮށް، އެހެންވީމަ މިދެބަޔަކީ ހަމަ ހަމަ ދެބައި، މިދެބައި މީހުންނަށް ހަމަ ހަމަ ފުރުސަތުތަކެއް ލިބުމަކީ ވެސް ކޮންމެހެން ބޭނުންކަމެއް." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަންހެނުން ނުވަތަ އަންހެން ކުދިންނަކީ މަތީ ތައުލީމު އުނގެނެންޖެހޭ ބައެއް ނޫން ކަމަށް ބުނެ ބައެއް އާއިލާތަކުގެ ތެރެއިން އަންހެނުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ހަނިކުރާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ.
މާޗް 30 ވަނަ ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީ އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކު މި އަހަރުގެ ނޮވެމްބަރު މަހު 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކު ނޮވެމްބަރު މަހު އެގާރަ ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ. އަޅުގަނޑުމެން ތިބޭނީ އެ ބޭފުޅެއްގެ ފަހަތްޕުޅުގައި." މައުމޫން ވިދާޅުވި އެވެ.
އަންހެނުންނަށް ފުރުސަތު ހޯދާދޭން މަސައްކަތްކުރަނީ ހަމައެކަނި ޕީޕީއެމް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ