25 އަހަރުން މަތީ މީހުންގެ ވެކްސިން ފަށަނީ

25 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ކުރިން ވެކްސިން ދެމުން އައީ 30 އަހަރުން މަތީ މީހުންނަށެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. އެޗްޕީއޭއިން މިރޭ ބުނީ 25 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 85،000 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. މިއަދު ވަނީ 4،962 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 2،700 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 2،262 މީހެކެވެ. މިހާތަނަށް މާލެ ސަރަހައްދުން 61،777 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 23،333 މީހަކަށް ވެކްސިން ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ