ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ އީސަގެ ދިފާއުގައި ގާސިމް ނުކުންނަވައިފި

ކުރީގެ އަނބިކަނބަލުންނާއި ދަރިފުޅަށް ގެވެށި އަނިޔާކުރިކަމުގެ ތުހުމަތުކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ދިފާއުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ނުކުންނަވައިފިއެވެ.
އެގޮތުން ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕެއްގައި އީސަ ދިފާއުކުރައްވައި' ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ. މީގެ ސްކްރީންޝޮޓްތަކެއް ދައުރުވަމުންދާއިރު، އެއީ އަސްލު ސްކްރީންޝޮޓްތަކެއްކަން "ވޮއިސް"އަށް ވަނީ ކަށަވަރުކުރެވިފައެވެ.
އެގޮތުން މެންބަރު އީސަގެ ވަޓްސްއެޕް ޕްރޮފައިލް ފޮޓޯގައި އޭނާގެ ކުޑަ ދަރިފުޅުގެ ފޮޓޯއެއް އެބައިންކަމަށްބުނެ، އެފަދައިން ލޯބިވާ ކުއްޖަކާއި މެދު އެފަދަ އަމަލެއް ހިންގަފާނެކަމަށް ގަބޫލުކުރަން ވަރަށް ދަތިކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެކަމަށް ވިދާޅުވެ، ގެވެށި އަނިޔާގެ ތުހުމަތުކޮށް އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ދޮގުހަދަމުންދާކަމަށްވެސް ގާސިމް ނުސީދާ ގޮތަކުން ވަނީ ތުހުމަތުކުރައްވާފައެވެ. ގާސިމް މިފަދައިން ވިދާޅުވިއިރު އަސްރާގެ ބޭބެ އަދި ނައިބު ރައީސް ފައިސަލް ނަސީމަކީ ގާސިމާއި ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ.
އަދި ގާސިމް ވަނީ މިހާރު އޮތް ގެވެށި އަނިޔާގެ ގާނޫނުގެ ސަބަބުން އަންހެނުންނަށް "މާބޮޑަށް" ހިމާޔަތް ލިބެމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ގާސިމް ވަނީ މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެކަމަށްބުނެ، މެންބަރު އީސަ ހައްޔަރުކުރުމާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރެވެންވާނީވެސް އީސަ ބަންދުގައި ނުބަހައްޓައި "އިންސާފުން" ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
މެންބަރު އީސަގެ ފަރާތުން ލިބުނު އަނިޔާތަކަށް، އޭނާގެ ކުރީގެ އަނބިކަނބަލުން ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވާކަމަށްވެއެވެ. އީސަގެ ފަރާތުން އަސްރާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ