ރައީސް ޔާމީން ފެނުމުން ސިފަކުރެވުނީ "ޖަލު މީހެއް"ގެ ގޮތުގައި، އުޅުއްވަނީ ވަރަށް ހިތްދަތި ހާލުގައި: އަދުރޭ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޖަލުން ބައްދަލުވެވަޑައިގަތުމުން އެމަނިކުފާނު ހުންނެވި ގޮތުން ސިފަކުރެވުނީ "ޖަލު މީހެއް"ގެ ގޮތުގައި ކަމަށް ޕީއެންސީގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ފައްޓަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް އެމަނިކުފާނު ޖަލުގައި ހުންނަވާތާ 57 ދުވަސް ވަނީ ވެފައެވެ.
ޕީޕީއެމުން ހއ. ބާރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ދެ ފަހަރެއްގެ މަތިން އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެން ކަމަށެވެ.
ނަމަވެސް ދިމާވާ ފަހަރަކު އެމަނިކުފާނު ދައްކަވަނީ ގައުމުގެ ވާހަކަ ކަމަށާއި ގައުމަށް ވަމުންދާ ގޮތާމެދު ރައީސް ޔާމީން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެހާ ގިނަ ދުވަހު ޖަލުގައި އެކަނި ހޭދަކުރުމަކީ ވަރަށް ހިތްދަތިކަމެއްކަން ފާހަގަކުރައް އަދުރޭ ވަނީ ރައީސް ޔާމީން ޖަލުގައި އުޅުއްވާ ހާލު ސިފަކޮށްދެއްވައިފައެވެ.
އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ތާޒާކޮށް ހުންނަވާ ވަކި ގޮތަކަށް ފުނާ އަޅުއްވައި އަދި ހެދުންކޮޅު ތުރުކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ވަކި ހަމަތަކަކާއި ދިރިއުޅުމުގައި ވަކި އުސޫލުތަކަށް ހިފަހައްޓަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމުން އޭނާއަށް އެމަނިކުފާނު ސިފަކުރެވުނީ "ޖަލު މީހެއް"ގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ފެންވެރުމުގެ ކަންތަކުގެ ދަތިކަމާއި ތުނބުޅި ބޭލޭނެ ގޮތެއް ނެތް ވާހަކަ އާއި ގަސްދުގައި އަޑުގަދަކުރާތީ ނިދަން އުދަނގޫވާ ވާހަކަ ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ކާން ގެންނަ އެއްޗެހި ރޯ ނުފިލުވާ ހުންނަ ވާހަކައާއި 45 ދުވަސް ވެގެންދިޔައިރުވެސް ކާން ދެނީ އެކައްޗެއް ކަމަށް ވިދާޅުވި ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.
"..އެހާހިސާބަށް ދިޔައީމަ އަޅުގަނޑަކަށް އެވާހަކަ އަޑުއަހާކަށް ކެތެއް ނުވި. ހަމަ ހަގީގަތަށް މިދަންނަވަނީ އަޅުގަނޑަށް ރޮވުނު. މޫނު މައްޗަށް ބަލާލީމާ މުޅި މޫނުމަތީގައި ހުރީ ބިސް ނަގާފައި. ކީއްވެގެންތޯ އޮޅުންފިލުވާލިއިރު ތުނބުޅި ބާލަންޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފަ އުނގުޅާލާނެ އާފްޓާ ޝޭވް ކޮޅެއް ނުލިބޭ. ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެން ވަރައިގެން ނުކުމެ ގައިގައި ހާކާލާނެ ލޯޝަން ކޮޅެއް އެތަނަކުން ނުލިބޭ. ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ވެގެން ބޭނުންކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓުކޮޅެއް ނުލިބޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅުން ޖަލުގައި ތިއްބެވި ކަމަށާއި ނަމަވެސް އެބޭފުޅުން ތިއްބެވީ ވަރަށް އަރާމުގައި ވަރަށް އިއްޒަތުގައި ކަމަށެވެ.
އެގޮތުން އެބޭފުޅުންނަށް ތުނބުޅި ބާލުއްވަން އެބޭފުޅުންގެ އަނބިންނަށް ޖަލަށް ވަޑައިގަތުމުގެ ފުރުސަތާއި ކޮންމެހެން ބޭނުން ކުރަން ބޭނުންވާ ތަކެތި ވެއްދުމުގެ ހުއްދަ ދިން ކަމަށާއި އަދި އެބޭފުޅުން ބޭނުން އެއްޗެއް ފަރިއްކުޅުވޭނެ އިންތިޒާމު ރައީސް ޔާމީން ހަމަޖައްސައިދިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ