އެމްބަސީ ހަދަން ބަންގްލަދޭޝް އަދި ސްރީލަންކާއަށް ބިން ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބަންގްލަދޭޝް އަދި ސްރީލަންކާގެ އެމްބަސީ ޤާއިމް ކުރަން ދިވެހި ސަރުކާރުން ބިން ދޫކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ގާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ގައުމުތަކެއްގައިވެސް އެކަން ކުރާ އުސޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ގާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށާއި، ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ 'ރެސިޕްރޯސިޓީ' އުސޫލުން ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިއަދު ސްރީލަންކާ އަދި ބަންގްލަދޭޝްއަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖެއްސިއިރު، އެދެގައުމުން ވަނީ އެގައުމުތަކުގައި ހިންގާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމަށް ބިން ދޫކޮށްފައެވެ. މީގެ ކުރިން އިންޑިއާއަށްވެސް ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ