މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު އާންމުންނަށް ދޭން ހުށަހަޅާނަން، އޭރުން ވޯޓުލާ މީހުންވެސް ގިނަވާނެ: ރައީސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅުއްވާނަން ކަމަށާއި، އޭރުން ސަރުކާރުވެސް ހަރުދަނާކޮށް ހިނގައި، އިންތިޚާބުތަކުގައި ވޯޓުލާން ނިކުންނަ މީހުން ގިނަވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. 'ސަންގު ޓީވީ'ން ގެނެސްދިން "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމުގައި ރައީސް ވިދާޅުވީ، މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ގާނޫނެއްގައި ކަނޑައަޅައި ރައްޔިތުންނަށް ދިނުން، ނުވަތަ ރިކޯލް ވޯޓުގެ ނިޒާމު ހުށަހެޅުމަކީ މި ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ، ރިކޯލް ވޯޓުގެ ނިޒާމު ތައާރަފްކުރުމުން، މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީގޮތުން އެ ބަޔަކަށް މަސައްކަތް ނުކުރެވޭކަން ރައްޔިތުންނަށް ފެންނަނަމަ ކަނޑައެޅިފައި އޮންނަ ގޮތަކަށް ޕެޓިޝަން ހުށަހަޅައި، މަޖިލީހުގެ ތެރޭ ވޯޓު ހަމަކޮށް، އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރެވޭނެ ކަމަށެވެ. އޭރުން ދައުރުގެ މެދުތެރޭ މަޖިލީހުގެ އިންތިޚާބު ބާއްވަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 'އެސްޕްރެސޯ ވިތު ރައީސް' ޕްރޮގްރާމުގައި --- ފޮޓޯ: ރައީސް އޮފީސް "ހަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގަ ބާއްވައިފަ، މަޖިލިސް މެންބަރުން ހޮވަންވީ، ހޮވައިފަ ދައުރުތެރޭގަ އެ ގާނޫނުގަ ކަނޑައަޅާ ޝަރުތުތައް ނުވަތަ އޭގެ ތެރެއިން ކަމެއް އޭނަ ކިބައިން އުނިވީ، އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަލިބޭ އޭނަ ބޭރުކުރަން،" ރައީސް ވިދާޅުވިއެވެ. އެއާއެކު އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވެ، ރައީސް ވިދާޅުވީ، އެމްޑީޕީން ދައްކާ އެއްވެސް ވާހަކައެއްގައި ބާރެއް ނެތް ކަމަށެވެ. ރިކޯލް ވޯޓު ނިޒާމު ހުށަހަޅުއްވާނެކަމަށް ވިދާޅުވި ނަމަވެސް، ސީދާ ހުށަހަޅުއްވާނީ ކޮން އިރަކުކަން އެމަނިކުފާނު ވިދާޅެއް ނުވެއެވެ. "އޭރުން މަޖިލިސް ކައުންސިލުވެސް ސަރުކާރުވެސް ހިނގާނެ ވަރަށް ހަރުދަނާކަމާ އެކީގަ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީގަ އިންތިޚާބުތައްވެސް ބޭއްވޭނީ، ހަގީގީ މާނައިގަ ފްރީ އެންޑް ފެއާކޮށް ވަރަށް ހައި ޓާންއައުޓެއްގަ،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ