ޖޭއެސްސީއަށް އެއްބާރުލުން ދޭނަން: ފުލުހުން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެއްބާރުލުން ދޭނެކަމަށް ފުލުހުން ބުނެފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި އެއްބާރުލުން ދޭނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިހެން ބުނީ މީގެއިތުރުން ފުލުހުންގެ އިދާރާ އަށް ޖުލައި މަހު އެ މައްސަލަ ހުށައަޅައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅަފައިނުވާ ކަމަށް ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނިކޮށެވެ.
ސަސްޕެންޑް ކޮށްފައިވާ ގާޒީ ހައިލަމް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ދެލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އަލްހާން ވިދާޅުވެފައިވަނީ ހައިލަމްއަށް ދެ ލައްކަ ރުފިޔާ ލޯނެއްގެ ގޮތުގައި ދީފައިވާނެކަމަށާއި، އަދި ވެސް ފައިސާ ދޭނެކަމަށެވެ.
ފުލުހުން މިރޭ ބުނެފައިވަނީ ޖޭއެސްސީގެ ނިންމުމާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކި އިދާރާތަކަށް ދޭން ޖެހޭ މައުލޫމާތު ފޮނުވަމުން ގެންދާނެކަމަށެވެ.
"އަދި ތަހުގީގަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުންދީ ޖަވާބުދަރީވާނެ ކަމުގެ ޔަގީންކަން ފުލުހުން ދެން،" ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލަށްލާނެކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން މަސައްކަތް ކުރިމަށް ހައިލަމް ވަނީ ތުހުމަތުކުރައްވާފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ހައިލަމް ވިދާޅުވެފައިވަނީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.
ހައިލަމް މިހެން ވިދާޅުވިއިރު، ނޮވެމްބަރު ތިންވަނަ ދުވަހު ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ވައިބާ ގުރޫޕަކަށް ހައިލަމް ލީ ފޮޓޯއެއްގައި ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ހިލިހިލާ ޖަހާފައިވާ ކުރެހުމެއް ހުރުމުން އެ މައްސަލަ ތަހުގީގުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑު ވެސް ކޮށްފައެވެ.
ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމިންގެ ޝަރީޢަތުގެ ހުކުމް އިއްވަން ޝަރީއަތް ބާއްވަން އޮތް ދުވަހުއެވެ. އޭގެ ސަަބަބުން އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މިމަހު 17 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ