އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެއް ކެންޑިޑޭޓް ކަމަށްވާ އަބްދުﷲ އަބްދުﷲ އަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންފި އެވެ.
އަފްގާނިސްތާނުގެ އޮފިޝަލަކު ވިދާޅުވީ މި ހަމަލާ އަބްދުﷲ އަބްދުﷲ ދީފައިވަނީ އެބޭފުޅާ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮތް ކެމްޕެއިން އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް ދަތުރުކުރައްވަނިކޮށް ކަމަށެވެ. މި ހަމަލާއިން އަބްދުﷲ އަބްދުﷲ ސަލާމަތްވެ ވަޑައިގެންފައިވާއިރު މި ބޮމުގެ ހަމަލާގައި 4 މީހަކު މަރުވެފައިވާ ކަމަށާއި އަދި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި އަބްދުﷲ އަބްދުﷲ ގެ ގިނަ އަދަދެއްގެ ހަށިފާރަވެރިން ވެސް ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެކުޑައިރުކޮޅެއް ކުރިން އަފްގާނިސްތާނުގެ ޓީވީ މެދުވެރިކުރައްވައި އަބްދުﷲ އަބްދުﷲ ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ އޭނާއަށް މި ހަމަލާގައި އެއްވެސް އަނިޔާވެފައި ނުވާކަމަށާއި އަނިޔާވެފައިވަނީ އޭނާގެ ހަށިފާރަވެރިންނަށް ކަމަށެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތުން އުފުލާފައިނުވާއިރު އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު އެގައުމުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުން މީގެކުރިން ވަނީ ދީފަ އެވެ.
އަފްގާނުސްތާނުގެ ދެވަނަ ބުރަށް އަބްދުﷲ އަބްދުﷲ ދަތުރުކޮށްފައިވަނީ ފުރަތަމަ ބުރުގައި ވޯޓްލީ ފަރާތްތަކުގެ 44.9 އިންސައްތަ ވޯޓާއެކީގަ އެވެ. އަބްދުﷲ އަބްދުﷲ އާ އެކީ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ވޯލްޑް ބޭންކުގެ ކުރީގެ އިކޮނޮމިސްޓް އަޝްރަފް ޣަނީ އެވެ. އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގަ އެވެ.
ރިޔާސީ ކެންޑިޑޭޓް އަބްދުﷲ އަބްދުﷲ އަށް އަމާޒުކޮށް ކާބުލްގައި ބޮމުގެ ހަމަލާއެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ