ޖަޕާނަށް އެހީވާން ގާސިމް އިބްރާހިމް 1800 ކޭސް، ދަޅު މަސް ހަދިޔާ ކުރައްވައިފި

ޖަޕާނަށް އެހީވާން އިއްޔެ ފެށި "ޖަޕާނާއެކު ދިވެހިން" ޓެލެތޯންއަށް 1.3 މިލިއަން ރުފިޔާގެ ދަޅު މަހުގެ އެހީއެއް ވިލާ ގްރޫޕުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ދެއްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަންތަކާއި ބައެއް ރޭޑިއޯ ސްޓޭޝަންތައް މެދުވެރިކޮށް ހިންގާ ޓެލެތޯން ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޖަޕާނު ރައްޔިތުންނަށް ވެދެއްވާ އެހީ އިއުލާން ކުރައްވަމުން މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް މިއަދު ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒުން މާންދޫގައި ހިންގާ މަސް ކާރުހާނާއިން 1800 ކޭސް ދަޅު މަސް ޖަޕާނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ގާސިމް އަދި ވިދާޅުވީ އެ އެހީއަކީ ފައިސާގެ ނިސްބަތުން 1.3 މިލިއަން ރުފިޔާގެ އެހީއެއް ކަމަށެވެ.
"ޖަޕާނަކީ ރާއްޖެ އަށް ވަރަށް ގިނަ އެހީތައް ފޯރުކޮށްދީފައިވާ ގައުމެއް. ޖަޕާން މީހުން ހާލުގައި ޖެހުމުން ދިވެހިން އެހީވާންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ދަޅު މަހުގެ އެހީގެ އިތުރުން ވިލާ ގްރޫޕްގެ އެކި ދާއިރަތަކުން އިތުރު އެހީތައް ޖަޕާނަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ގާސިމް މިއަދު ވިދާޅުވި އެވެ.
ގާސިމް ޖަޕާނަށް ދަޅުމަސް ހަދިޔާ ކުރެއްވެވި އިރު މީގެ ކުރިން ދިވެހި ސަރުކާރުން ވެސް ވަނީ އެހީ ގޮތުގައި 1800 ކޭސް ދަޅު މަސް ޖަޕާނަށް ފޮނުވާނެކަމަށް އިއުލާން ކޮށްފަ އެވެ.
ގާސިމްގެ އެ އެހީގެ އިތުރުން ޓެލެތޯނަށް އެހީގެ ގޮތުގައި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި 3371 މަސްދަޅު މިހާތަނަށް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ