ބިލު ނުދެއްކުނަސް ކަރަންޓު ނުކަނޑާނަން: ސްޓެލްކޯ
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުގެ ތެރެެއިން ލޮކްޑައުން ކޮށްފައިިވާ ރަށްތަކުން އެ މުއްދަތުގައި މާލީ ސަބަބުތަކާ ހެދި ބިލު ނުދެއްކުނު ނަމަވެސް ކަރަންޓު ކަނޑާނުލާން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމާފައި ވަނީ ކަރަންޓަކީ ޒަރޫރީ ބޭނުމަކަށް ވެފައި މިފަދަ ދަނޑިވަޅެއްގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތި އުނދަގޫތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. ކޮވިޑް19އާ ގުޅިގެން ސަރުކާރުންވަނީ މެއިމަހާއި ޖޫންމަހުގެ ކަރަންޓު ބިލުން 40 ޕަސެންޓު އުނިކޮށްފައެވެ. އަދި މި މަހު ސްޓެލްކޯއިން ބިލްކޮށްފައި ވަނީ ވެސް އެ މިންވަރު އުނިކުރުމަށްފަހުއެވެ. ސްޓެލްކޯއިން ވަނީ މި ހާލަތުގައި ބިލުތައް އެސްއެމްއެސްގެ ޒަރީއާއިން ފޮނުވަމުން ދާއިރު ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާ އެއްގޮތަށް ގޭގައި ތިއްބެގެން ބިލް ދެއްކުމަށް، ކުންފުނީގެ މޮބައިލް އެޕްލިކޭޝަން އަދި ވެބްސައިޓު ބޭނުންކުރުމަށް އިރުޝާދު ދީފައެވެ. އަދި ބިލުތައް ނުދައްކާ ގިނަދުވަސް ވެފައިވާ ފަރާތްތަކަށް އައުޓްސްޓޭންޑިން ނުވަތަ ނުދެއްކި އޮތް އަދަދު އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އަންނަނީ ފޮނުވަމުންނެވެ. ސްޓެލްކޯއިން ބުނީ އެގޮތަށް ފޮނުވާފައި ވަނީ ގިނަ ފަރާތްތަކުން ނުދެއްކިވާ ބިލުތަކުގެ ތަފްސީލް ހޯދުމަށް އެދެމުން ދާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ