ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
“އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން” މި ނަމުގައި އިދިކޮޅު ފަރާތްތަކުން ގުޅިގެން ބޭއްވި މުޒާހަރާ ތެރެއަށް ފުލުހުން ވަދެ، މުޒާހަރާގައި ބޭނުން ކުރި ޕިކަޕާއި ސައުންޑް ސިސްޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި ގުޅިގެން މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް ގޮސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިއަށް އެއްވާން މަހްލޫފް އާއި އިތުރު ބަޔަކު މަސައްކަތް ކުރިއެވެ.
މަހްލޫފް ހައްޔަރުކޮށްފައިވަނީ ސީގަލް ކައިރި އާއި އެސްޓީއޯ ސުޕަރ މާކެޓް ކައިރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އެންމެ ފަހުން ސޯލްޓް ކެފޭ ކައިރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ އެމްއެމްއޭ އާއި ދިމާލަށް ދާން މަސައްކަތް ކުރުމުންނެވެ.
އެވަގުތު ފުލުހުން މަހްލޫފަށް ހުރަސް އަޅައި ހައްޔަރު ކުރަން މަސައްކަތް ކުރުމުން ކައިރީގައި ހުރި މީހަކު މަހްލޫފްގެ “ބަނޑުގައި ބައްދައިގަތް” މަންޒަރު “ވަގުތު” ގެ ނޫސްވެރިންނަށް ފެނިފައިވެއެވެ.
މަހްލޫފްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރި ވަގުތު، އޭނާގެ އަނބިކަނބަލުންނާއި، އެމްޑީޕީއަށް ތާޢީދުކުރާާ ގިނަ ބަޔަކު ވަނީ ކޯޓު ކައިރިއަށް އެއްވެފައެވެ.
އެސަރަހައްދުގައި ހަރަކާާތްތެރިވި "ވަގުތު"ގެ ނޫސްވެރިޔަކު ބުނި ގޮތުގައި، މަހްލޫފް ކޯޓުން ނެރެގެން ފުލުހުންގެ ވޭނަށް އެރުވި ވަގުތު އޭނާ ވަނީ "ތަމްބްސް އަޕް"އެއް ދައްކާލުމަށްފަހު، "މުޒާހަރާއަށް ދައްޗޭ"އޭ ކިޔައި ގޮވާލާފައި ކަމަށެވެ.
މަހްލޫފް ރޭ ހައްޔަރު ކުރި އިރު، މިއަދަކީ އޭނާގެ އުފަަން ދުވަސްވެސް މެއެވެ.
ރޭ މަހްލޫފްގެ އިތުރުން 11 ވަރަކަށް މީހުން ހައްޔަރު ކޮށްފައިވާ އިރު، އޭގެ ތެރޭގައި ރާއްޖެ ޓީވީގެ ކެމެރާމަނަކާއި ނޫސްވެރިޔަކުވެސް ހިމެނެއެވެ. އެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރާއި ސީނިއަރ ޖާނަލިސްޓް މުހައްމަދު ވިސާމްގެ ބަންދަށް ވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.
މަހްލޫފް އާއި އިތުރު ބަޔަކު ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރޭ މަޙުލޫފް ޙައްޔަރުކޮށްފައިވަނީ ފުލުހުން، އޭނާ ޓާގެޓަކަށް ހަދައި މަހްލޫފް އާއި ދިމާލަށް ހަޑިއެއްޗެތި ގޮވުމަށްފަހު މަހްލޫފްގެ ގަމީސް އިރާލައި ވަރަށް އަނިޔާވެރި ގޮތަކަށްކަން ކަމަށެވެ.
ނަމަވެސް މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ގަމީހުގެ ގޮށްތައް ނެއްޓި ގަމީސް “ވީދިފައިވާ” ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް ގަމީސް “ވީދިފައި” ނުވާކަން ވަނީ ހާމަވެފައެވެ. މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޭބަލް ޓައި އަޅުވާފައި ހުންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ “ވަގުތަށް” ލިބިފައެވެ.
މަހްލޫފްގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ