މުޒާހަރާއަށް ނުކުތް މީހުންގެ އަދަދުން އެނގެނީ ރައްޔިތުން ބޭނުންވަނީ އަމާންކަން ކަމަށް - އުމަރު

މުޒާހަރާއަށް ނިކުތް މީހުންގެ އަދަދު އެނގިގެންދަނީ ރައްޔިތުން ބޭނުންވަނީ ގައުމުގައި ސުލްހަ އާއި އަމާންކަން ދެމި އޮތުން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އުމަރު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އުމަރު ވިދާޅުވީ މިރޭ އެމްޑީޕީ އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާގައި ބައިވެރިވެފައިވަނީ ދެ ހާހަށްވުރެވެސް މަދު މީހުން ކަމަށާއި މިކަމުން އެނގިގެން ދަނީ ރައްޔިތުން ބޭނުންވަނީ ސުލްހަ އާއި އަމާންކަން ކަމަށެވެ.
މިރޭ އެމްޑީޕީއިން އިސްނައިގެން މަޖީދީ މަގާއި ޗަންދަނީ މަގު ގުޅޭ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާއިރު މުޒާހަރާގައި ބައިވެރިވެފައިވަނީ 1500 އެއްހާ މީހުންނެވެ.
މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައިވަނީ ތިން ދުވަހަށް މި މުޒާހަރާ ދެމިގެންދާނެ ކަމަށާއި 12 ޖެހުމުން މުޒާހަރާ ހުއްޓާލުމަށް ފުލުހުންނަށް ނޭނގޭނެ ކަމަށެެވެ.
ފުލުހުން ވަނީ މިރޭގެ މުޒާހަރާ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. އަދި 12 ޖެހުމުން މުޒާހަރާ ހުއްޓާލާނެ ކަމަށްވެސް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ނަޝީދާއި އިމްރާން އަބުދުﷲ ދޫކޮށްލެއްވުމަށާއި ވިޔަފާރިވެރިންނަށް ދެމުންގެންދާ އަނިޔާތައް ހުއްޓާލުމަށް ގޮވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ