މިވަގުތު އިންކަމް ޓެކްސް ނަގަން އުޅުމަކީ ހެދޭނެ ގޯހެއް: ސައީދު

މިހާބޮޑަށް ރާއްޖޭގެ އިގްތިސާދު އަރިއަޅާލި ވަގުތެއްގައި އިންކަމް ޓެކްސް ނަގަން މަސައްކަތް ކުރުމަކީ މަޖިލިހާއި ސަރުކާރަށް ހެދޭނެ އެންމެބޮޑު ގޯސް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މިއީ އިންކަމް ޓެކްސް އެންމެ ބޭނުންވާ ވަގުތު ކަމަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.
ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މިއީ ދައުލަތަށް މަތީ އާމްދަނީ ލިބޭ ފުދުންތެރި ފަރާތްތަކުގެ އެހީ އެންމެ ބޮޑަށް ބޭނުންވާނެ ވަގުތު ކަމަށެވެ.
"މިއީ އިންކަމް ޓެކްސް ނަގަން ފަށަންވީ ވަގުތަކީ. ފުދުންތެރިކަން ހުރި މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީ. އިންކަމް ޓެކްސްއަކީ ގެއަށް ގެންނަ ފައިސާ އިން ނަގާ އެއްޗެއް. މަހަކު 60،000 ރުފިޔާ ގެއަށް ގެނެވޭ ހާލަތުގައި މިއަދު ހުރިއްޔާ މިއީ ދައުލަތަށް އެ ޓެކްސް ދައްކަން ޖެހޭ ވަގުތު ކަމަށް." އީވާ ވިދާޅުވި އެވެ.
އެކަމަށް ރައްދުދީ މެންބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާބޮޑަށް ރާއްޖޭގެ އިގްތިސާދު އަރިއަޅާލި ވަގުތެއްގައި އިންކަމް ޓެކްސް ނަގަން މަސައްކަތް ކުރުމަކީ މަޖިލިހާއި ސަރުކާރަށް ހެދޭނެ އެންމެބޮޑު ގޯސް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެއްލިގެންދާނީ އެތައް ވަޒީފާތަކެއް ކަމަށް ވިދާޅުވިއެވެ.
"މިހާބޮޑަށް ރާއްޖޭގެ އިގްތިސާދު އަރިއަޅާލި ވަގުތު، ކަށިހިތްވަރުނެރެ، ވިޔަފާރިތަކަށް ދަތިވާނެހާ ކަންކަން ކޮށް، ހުރަސް އެޅުމަކީ، މަޖިލިހާއި ސަރުކާރަށް ހެދޭނެ އެންމެބޮޑު ގޯސް. މިކަމުން ގެއްލިދާނީ އެތައް ހާސްވަޒީފާ. ނިކަމެތި ވާނީ އެތައް އާއިލާތަކެއް." ސައީދު ވިދާޅުވިއެވެ.
އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ