ފޮރިން މިނިސްޓަރުގެ މެސެޖު: ކޮންމެ ތަނެއްގައި ތިބި ނަމަވެސް ދިވެހިންނަށް އެހީ ވާނަން

ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހިން ތިއްބަސް ސަރުކާރުން އެހީވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ވަޒީރުން ކުރެއްވި މަޝްވަރާތަކަށް ފަހު، ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިލިޕީންސްގައި ތިބި 61 ދިވެހިންނާއި، ބަންގްލަދޭޝްގައި ތިބި 41 ދިވެހިން އިވެކުއޭޓް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ނޭޕާލް އެއާޕޯޓުގައި ތާށިވެފައި ތިބި 21 ދިވެހިންނަށް ކޮންމެ ދުވަހަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީވުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ. "ބަންދުކޮށްފައިވާ ބޯޑަރުތަކާއި، ކެންސަލްވާ ފްލައިޓުތަކަކީ ބޮޑު ގޮންޖެހުމެއް،" ޝާހިދު ވިދާޅުވި އެވެ. އެ ގޮންޖެހުންތަކާއެކު ވެސް ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހިން ތިބި ނަމަވެސް، އެހީވާނެ ކަމަށް ޝާހިދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ. ފިލިޕީންސްގައި ތިބި 47 މެޑިކަލް ދަރިވަރުން މިރޭގެ ވަގުތެއްގައި އެގައުމުން ފުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. ގަތަރުގައި ޓްރާންސިޓް ކުރުމަށް ފަހު އެމީހުންނަށް ރާއްޖެ އާދެވޭނީ މާދަމާ ރެޔެވެ. އޭގެ އިތުރުން މެޑިކަލް ދަރިވަރުންގެ އިތުރު ގްރޫޕެއް ވެސް މާދަމާ ރޭ ރާއްޖެ އައުމަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ސަރުކާރުން ވަނީ ނޭޕާލުގައި ތިބި ދަރިވަރުންތަކެއް ރާއްޖެ ގެނެސްފަ އެވެ. އެކަމަކު އިތުރު ދިވެހިންތަކެއް އެއާޕޯޓަށް ދިޔަ ފަހުން ފްލައިޓް ކެންސަލްވެ، އެމީހުން މިހާރު ތިބީ އެއާޕޯޓުގައި ތާށިވެފަ އެވެ. އެ ނޫނަށް ސްރީލަންކާ އަދި މެލޭޝިއާގައި ތިބި ގިނަ ދިވެހިންތަކެއް މިހާރު ބޭނުން ވަނީ ރާއްޖެ އަންނާށެވެ. އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިވެކުއޭޓް ކުރަން ޖެހޭ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށާއި، އެ ހާލަތް މެދުވެރިވުމުން ހުރިހާ ދިވެހިން ވެސް ރާއްޖެ ގެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ