މެމްބަރު ނާޒިިމް ވެސް 48 ގަޑިއިރު ތެރޭ އެނބުރި މާލެ ވަޑައިގަތުމަށް އަންގައިފި

ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ކުރީގެ ދިއްގަރު ދާއިރާ މެމްބަރު އަހުމަދު ނާޒިމަށްވެސް 48 ގަޑިއިރުގެ ތެރޭގައި މާލެ އައުމަށް ކަރެކްޝަނުން އަންގައިފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔުމަށް އެމަނިކުފާނަށް ދިން މުއްދަތު ހަމަވުމާއި ގުޅިގެން ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެނބުރި މާލެ ވަޑައިގަތުމަށްވެސް މިއަދު ކަރެކްޝަން އިން ވަނީ އަންގާފައެވެ.
ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަހުމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކުރެއްވުމަށް އެދިވަޑައިގެންފައިވަނިކޮށް، އެ މުއްދަތު އިތުރު ނުކުރަން ކަރެކްޝަނަލް ސާވިސް އިން ވަނީ މީގެ ދެ ހަފްތާ ކުރިން ނިންމާފައެވެ.
ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭރު 15 ދުވަހުގެ މުއްދަތެއް ނާޒިމްއަށް ދެއްވިއިރު، އެ މުއްދަތު ހަމަވުމުން ވަނީ ރާއްޖޭން ބޭރުގައި ހުރުމަށް ދެ މަސް އިތުރުކޮށްދީފައެވެ.
ނާޒިމްގެ މައްޗަށް 25 އަހަހަރުގެ ޖަލުހުކުމެއް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ