އަބުރާ ބެހުމުގެ ބިލްގެ މައްސަލަ ސުޕުރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީީޑީ) ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން 23 ޖުލައި 2016 ވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މި ބިލަކީ ރައްޔިތުން ބަލައިގަންނާނެ ބިލެއް ނޫން ކަމަށާއި ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް އެ ހުށަހެޅޭ ބިލަކީ ބާތިލު ބިލަކަށް ވެގެން ދާނެ ކަމަށެވެ.
އަބުރާއި ބެހުމުގެ ބިލްގެ ސައްހަކަމާއި މެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ޑީޑީ ވިދާޅުވީ މި ރާއްޖޭގައި ރައްޔިތުން ބަލައިގަންނަ ސުޕްރީމް ކޯޓެއް ވެސް ނެތް ކަމަށާއި އެހެން ނަމަވެސް ތާރީޚަށްޓަކައިި ނަމަވެސް އަބުރުގެ ބިލްގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
ކޮންމެ ގޮތަކަށް އެ ބޭފުޅުންގެ ފިކުރުހުރި ކަމުގައިވި ނަމަވެސް ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެން ހަނި ކުރުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަކަށް ނޯންނާނެ ކަމަށް ވެސް ޑރ. ޑީޑީ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ހައްގެއް ހަނިކޮށް އުންޏެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަން ފަނޑިޔާރުގެއިން ވެސް ނުކުރެވޭނެ ކަމަށް ޑރ. ޑީޑި ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގައި ތިއްބަވާ ބަޔަކު އެ ބޭފުޅުންނަށް ލިބިވަޑައިނަންނަވާ ނާޖާއިޒު ފައިދާތަކެއްގެ ދަހިވެތި ކަމުގައި މަސައްކަތް ކުރެއްވި ކަމުގައިވީ ނަމަވެސް އެ ފާސް ކުރައްވާ ގާނޫނު ވެެގެން ދާނީ ބާތިލް ގާނޫނެއް ކަމަށެވެ.
ގާނޫނުން ކަންކަން މަނާކުރިޔަސް، ރައްޔިތުންގެ ދުލާއި ގަލަމުގެ މިނިވަންކަން ބަންދެއް ނުކުރެވޭނެ ކަމަށް ވެސް ޑރ. ޑީޑީ ވަނީ ވިދާޅުވެފައެވެ.
އަބުރާ ބެހުމުގެ ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން - ޑީޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ