ޕީޕީއެމްގެ މަޝްވަރާ މަޖިލީހުން އުމަރު ނަސީރު ވަކިކުރައްވައިފި

ރައީސް މައުމޫން އުފައްދަވާފައިވާ ޕީޕީއެމްގެ މަޝްވަރާ މަޖިލީހުން އުމަރު ނަސީރު ވަކިކުރައްވައިފިއެވެ.
އެކަން ހާމަކޮށް، ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރު ނިންމެވުމާ އެކު، ޕީޕީއެމްގެ ރައީސް މައުމޫން އޭނާ އެ ކޮމެޓީން ވަކިކުރައްވާފައިވާ ކަމަށެވެ.
ވަގުތަށް އެނގިފައިވާ ގޮތުގައި، ރައީސް މައުމޫން ޕީޕީއެމްގެ މަޝްވަރާ މަޖިލީހުން އުމަރު ވަކި ކުރައްވާފައި ވަނީ އެ ދެބޭފުޅުންގެ ދެމެދުގައި އެކަމާމެދު މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ހޯމް މިނިސްޓަރު ކަމުން ހަފުތާއެއް ކުރިން އުމަރު އިސްތިއުފާ ދެއްވުމަށްފަހު، އުމަރު ވަނީ މި ހަފުތާއަކީ މީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބިންހެލުމެއް އަންނާނެ ހަފްތާއެއް ކަން ހާމަކުރައްވާފައެވެ. އަދި، މިއަދު އޭނާ ވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރާނެ ކަންވެސް އިއުލާނުކުރައްވާފައެވެ.
ޕްރައިމަރީގައި ވާދަ ކުރުމާ ބެހޭގޮތުން އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ އިން ފުރުޞަތު ނުލިބިއްޖެ ނަމަ އަމިއްލަ ގޮތުން ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އުމަރު ވިދާޅުވަމުން ގެންދެވީ އޭނާ 2018 ވަނަ އަހަރަށް އަމާޒު ނުހިފާ ކަމަށާއި ނަމަވެސް ރައީސް ޔާމީނުގެ ދެ ދައުރަށް ފަހު، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ