ހަވީރު ނޫހުގެ މުވައްޒަފުންގެ މައްޗަށް އިއްވި ހުކުމަށް އިދިކޮޅު އިއްތިހާދުން ފާޑުކިޔައިފި

ހަވީރު ނޫހުގެ މުވައްޒަފުންގެ މައްޗަށް މިއަދު ސިވިލްކޯޓިން އިއްވި ހުކުމަށް އިދިކޮޅު އިއްތިހާދުން ފާޑުކިޔައިފިއެވެ.
އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާޒަން އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ މިއީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.އަދި މިހުކުމް އިއްވާފައިވަނީ، ކުރިން ހަވީރުގައި އުޅުނު މުވައްޒަފުން އުފައްދާފަިވާ ނޫހުގައި ސަރުކާރުގެ ކޮރަޕްޝަންގެ ހަބަރުތައް ލިޔަމުންދާތީ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
"މީޑިއާ ދެކެ ބިރުން ހަވީރުގެ ކުރީގެ ސްޓާފުން އުފައްދާފައިވާ މިހާރު ނޫސް އުވާލަން ކުރި ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ." މަހުލޫފު ވިދާޅުވީ ގަދަބާރުން ހަންމުށި އަޅައިގެން އެއްވެސް ކަމެއް ނުހުއްޓުވޭނެ ކަމަށެވެ. މިއަދު ސިވިލްކޯޓުން އިއްވި ހުކުމާއި ގުޅިގެން އިދިކޮޅު އިއްތިހާދުން ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެެވެ.
އަދު ސިވިލް ކޯޓުން އިއްވި ހުކުމްގައި ވަނީ ހަވީރު ނޫހުގައި ކުރިން މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރާނަމަ އެމުވައްޒަފަކަށް ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ވަނީ ލާޒިމް ކޮށްފައެވެ.
އެހެންނަމަވެސް، ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އާ ޤާނޫނު އަސާސީގެ ދަށުން، ހަވީރުގެ ކުރީގެ މުވައްޒަފުންނާ ދޭތެރޭ އެޅޭނެ ފިޔަވަޅެއް އޮތްކަމަށް ދެކިނުލައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ