ދިވެހިން އެންމެ ބޭނުންވާ ގޮތަށް ވެރިކަން ކޮށްދޭނެ ސިފަތައް ލިބިވަޑައިގެންފައިވާ އެންމެ ވަރުގަދ ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ބޭއްވި ޓައުންހޯލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރު މޫސާ ނިޒާރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަރުގެ ސިޔާސީ ތަޖުރިބާ ހުރި އެހެން ލީޑަރަކު މިވަގުތު ރާއްޖޭގައި ހުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މޫސާ ނިޒާރު ވިދާޅުވީ ގާސިމް އިބްރާހީމަކީ ސިޔާސީ ތަޖުރިބާގެ އިތުރުން އަމިއްލަފުޅު ވިޔަފާރީގައި ރާއްޖެއަށް މުޅިން އަލަށް ތަފާތު ވިޔަފާރިތައް ތައާރަފްކޮށް ދިވެހި ރައްޔިތުންނަށް ހެވާ ލާބައަށް ދިވެހި ގައުމުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހީމަކީ ވަރަށް އާދަޔާ ހިލާފު، އަދި އެހާމެ ވިސްނުން ތޫނު ހަރުދަނާ ލީޑަރެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭން ބޭނުންވާ ލީޑަރެއް ނަމަ އެބޭފުޅެއްގެ ފަރާތުން އޯގާތެރިކަމުގެ ސިފަ ފެންނަން ވާނެ ކަން ފާހަގަކުރައްވަމުން މޫސާ ނިޒާރު ވިދާޅުވީ ގާސިމް އިބްރާހީމްގެ މުޅި ހަޔާތްޕުޅަށް ބެއްލެވި ނަމަވެސް ފެނިގެންދަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުދަލާއި ފައިސާ އިން އެތައް މިލިއަން ރުފިޔާއެއް ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުމަށް އޯގާތެރިކަމާއެކު ހޭދަކުރައްވާ މަންޒަރު ކަމަށެވެ.
ގާސިމް އިބްރާހީމް ހާއްސަ މަޖިލީހުގެ ރައީސް ކަން ކުރެެއްވިއިރު އެ މަޖިލީހުގައި ވ. އަތޮޅު މެންބަރު ކަންވެސް ކުރައްވާފައިވާ މޫސާ ނިޒާރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވުމުގެ އިތުރަށް އަމިއްލަ ވިޔަފާރީގައި ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައިވާ ބޭފުޅަކަށްވުމުން ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާއި ފަލްސަފާ ބިނާވެފައި އޮތީ ގާސިމް ދިވެހި ގައުމާ މެދު ގެންގުޅުއްވާ ހަރުދަނާ ދުރުވިސްނުންފުޅުގެ މައްޗަށް ކަމަށެވެ.
"ޕާޓީއެއްގެ ތެރެއިން ވެރިކަން ކުރަން ނިކުންނަ އިރުގައި ވަރަށް މުހިއްމު ދެ އަސާސެއް އޮންނާނެ. އެއް އަސާސަކީ ސިޔާސީ ތަޖުރިބާ. އަޅުގަނޑުމެންގެ ލީޑަރު އަޅުގަނޑުމެންގެ ޕާޓީގައި އެ މުހިއްމު އެ ހަރުދަނާ އެ އަގު އަޅުގަނޑުމެންގެ އަތުގައި އެބައޮތް. ދެވަނަ އެއްޗަކީ ވިޔަފާރިއާއި ތަރައްގީގެ މަސައްކަތުގެ ތަޖުރިބާ ބޭފުޅަކު އެކަމުގެ ހުނަރުހުރި މީހަކު ހުރުން. އެ ލީޑަރު އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ވެސް އެންމެ އިސްކޮށް އެ ހުންނެވީ،" ގާސިމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން މޫސާ ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ގާސިމް ހުންނެވިއިރު އިލްމީ އެތައް ބޭފުޅުންނާއި، ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު އެތައް ބޭފުޅުންނެއް ޖުމްހޫރީ ޕާޓީގައި ތިއްބެވުމުން، ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ދިވެހިންނަށް މިއަދު އޮތް އެންމެ ރަނގަޅު ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ.
ދިވެހި ގައުމުގެ މުސްތަގުބަލް ގުޅިފައިވަނީ ޖޭޕީއާ ކަން ފާހަގަކުރައްވަމުން މޫސާ ނިޒާރު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން އުއްމީދުކުރާ މުސްތަގުބަލް އެންމެ ފަސޭހައިން އަދި އެންމެ ކާމިޔާބުކަމާއެކު ހޯދޭނީ ޖުމްހޫރީ ޕާޓީން ކަމަށެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރަކީ ގާސިމް: މޫސާ ނިޒާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ