ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ހާލުކޮޅު ރޭ ސީރިއަސްވީނަމަވެސް ޑޮކްޓަރަކަށް ދައްކާފައިނުވާކަށާ އެމަނިކުފާނާއިމެދު އަމަލުކުރައްވާގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
ރައީސް މައުމޫންގެ އާއިލާ ބޭފުޅަކު ވީނިއުސްއަށް ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެން ފުލުހުން ރޭގެ ވަގުތެއްގައި އާއިލާއަށް އެކަން އަންގާފައިވާކަމަށެވެ. އަދި ފުލުހުންގެ އެންގުމަށް ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މާފުއްޓަށް ވަޑައިގެން ރައީސް މައުމޫންގެ އަރިހުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައިވާކަމަށެވެ.
ރައީސް މައުމޫންގެ ހާލުކޮޅު ރޭ ސީރިއަސްވީނަމަވެސް ޑޮކްޓަރަކަށް ދައްކާފައިނުވާތީ އެކަމާއި އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް މައުމޫން ޖަލުގައި ނުބަހައްޓަވާ އާއިލާ ކައިރިއަށް ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް މައުމޫންގެ ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ. އެގޮތުން ރައީސް މައުމޫންގެ ދެ ދަރިކަނބަލުންކަމަށްވާ ދުންޔާ މައުމޫނާއި، ޔުމްނާ މައުމޫން ވަނީ ކަމާބެހޭ މުއައްސަސާތަކުގައި އެކަމުގައި އާދޭސް ދަންނަވާފައެވެ.
ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫންވެސް ޖަލުގައި ބަންދުކޮށްފައިވާއިރު، ރައީސް މައުމޫނާއިމެދު އަމަލުކުރާގޮތާއިމެދު ހަގު ދަރިކަލުން ޢައްސާން މައުމޫން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ގެންދަވަނީ ބޮޑުބޭބޭފުޅުގެ ސަރުކާރު ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެއް ކަމަށްވެސް އާއިލާއިން ބުނެއެވެ.
އެހެންކަމުން އެމަނިކުފާނު އެކަހެރިކޮށް ޖަލުގައި ހުންނަވަނިކޮށް ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވަނީ ބުނެފައެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅާއިމެދު ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ވަނީ މުއައްސަސާތަކުގައި އެކަމަށް އެދިވަޑައިގެންފައެވެ. އަދި ފުލުހުންނާއި ޕީޖީއަކީވެސް ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ހާލުކޮޅު ބެލެހެއްޓޭނެ އަދި ބަލަހައްޓާނޭ ބައެއްކަމަށްވެސް ގަބޫލުފުޅުނުކުރައްވާ ކަމަށް ނަސްރީނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް މައުމޫންގެ އުމުރުފުޅާއި، ސިއްޙީހާލުކޮޅަށް ރިއާޔަތް ކުރައްވައި އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ނަސްރީނާ ވަނީ ކްރިމިނަލް ކޯޓްގައި އެދިވަޑައިގެންފައެވެ. އަދި ރައީސް މައުމޫންގެ މައްޗަށް އުފުލިފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރުވެސް މުރާޖައާކޮށްދެއްވުމަށް ނަސްރީނާ ވަނީ އެދިވަޑައިގެންފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޭގެ މަދު ގަޑިއިރުތަކެއްގެ ފަހުން ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކުރިފަހުން 90 ދުވަސް ހަމަވާން ވަނީ ކައިރިވެފައެވެ.
30 އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސް މައުމޫން ވަނީ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި އެމަނިކުފާނު ވަނީ އެމަނިކުފާނު ހައްޔަރުކޮށް އުފުލާފައިވާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމަނިކުފާނު މިނިވަންކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ހާލުކޮޅު ގޯސްވިނަމަވެސް ރޭވެސް މައުމޫން ޑޮކްޓަރަކަށް ނުދެއްކެވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ