މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދިކަމުގެ ކުށް ސާބިތުވެ ތައިލެންޑުގެ ރައްޔިތަކަށް 13،275 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އުމުރުން 34 އަހަރުގެ ޕުޑިޓް ކިއްޓިތްރަޑިލޮކްއަށް 13،000 އަށް ވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދިކަމުގެ ކުށަށް އިއުތިރާފްވެ، ކުށް ސާބިތުވުމުންނެވެ.
ކިއްޓިތްރަޑިލޮކް 40،000 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވެ އެވެ. އޭނާ ފައިސާ ހޯދާފައިވަނީ އިންވެސްޓް ކުރުމުގެ ނަމުގަ އެވެ. އަދި އިންވެސްޓްމެންޓްތަކުން ފައިސާ ދިން ފަރާތްތަކަށް ބޮޑެތި ނަފާ ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެގޮތުން މީހުންނަށް އޮޅުވާލައިގެން އޭނާ ހޯދާފައިވާ ފައިސާގެ އަދަދު 160 މިލިއަން ޑޮލަރަށް އަރަ އެވެ.
ކިއްޓިތްރަޑިލޮކްގެ ޝާރީއަތުގައި އޭނާގެ މައްޗަށް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ 2،653 ކުށެއް ސާބިތުވި އެވެ. މި ހުރިހާ ކުށަކަށް ކިއްޓިތްރަޑިލޮކް ވަނީ އިއުތިރާފްވެފަ އެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވުނު އަސްލު ހުކުމަށް ލުއި ދީފަ އެވެ. އެގޮތުން އޭނާގެ މައްޗަށް އިއްވި 13،275 އަހަރުގެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށް އެންމެ ފަހުން އިއްވާފައިވަނީ 6،637 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ކިއްޓިތްރަޑިލޮކްއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރާކަށް ނުޖެހޭނެ އެވެ. ސަބަބަކީ ތައިލެންޑުގެ ގާނޫނު ބުނާ ގޮތުން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދެ ބާވަތެއްގެ ކުށަށް އެންމެ ގިނަވެގެން ތަންފީޒު ކުރެވޭނީ 10 އަހަރެވެ. މީގެ އިތުރުން ކިއްޓިތްރަޑިލޮކް މި ކުށްތައް ހިންގުމަށް ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުންޏަކުން ޖޫރިމަނާއެއްގެ ގޮތުގައި 20 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ފަރާތްތަކަށް 17 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށްވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކަށް 13،275 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ