އާންމު ހާލަތުގައި ހުރި ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި

ކޮވިޑް-19ގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ނުގެންދާ ރަށްރަށާއި، މޮނިޓަރިން އަށް ފަހު އާންމު ހާލަތުގައި އޮންނަތާ 14 ދުވަސް ވެފައިވާ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތާ ދޮޅު މަހެއްހާ ދުވަސް ވާއިރު، ރަށްރަށުން ވެސް އެއް ރަށުން އަނެއް ރަށަށް ދެވެނީ ހާއްސަ ހުއްދަ އަކާ އެކު އެވެ. އަދި މާލެ އާއި ރަށްރަށުގައި ވެސް މީހުން އެއްވެ އުޅޭ ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށް، އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަތޮޅު ތެރެއިން ކޮވިޑް-19 ނުފެންނަ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ އަށް އެދި ގިނަ ޒުވާނުން މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން އެޗްޕީއޭގެ މަޝްވަރާގެ މަތިން، މޮނިޓަރިންގެ ހާލަތަށް ނުގެންދާ ރަށްރަށާއި، މޮނިޓަރިން އަށް ފަހު އާންމު ހާލަތުގައި އޮންނަތާ 14 ދުވަސް ވެފައިވާ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ބުނެފައި ވެ އެވެ.
އެހެންނަމަވެސް ކޮންމެ ވަގުތެއްގައި ވެސް ހާލަތު ބަދަލުވާ ގޮތަކުން ހުއްދަ ބާތިލުކޮށް ކުޅިވަރުކުޅުން މަނާކުރަން ޖެހިދާނެކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މިނިސްޓްރީން ބުނީ މިފަދަ ހުއްދައެއް ދިނަސް ވިޔަސް ކުޅިވަރު ކުޅުމުގައި ބަލަން ޖެހޭ އެކި ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ގިނަ ބަޔަކު އެއްވެގެން ގައިގޯޅިވޭ ކުޅޭ އެއްވެސް ކުޅިވަރަކަށް ހިތްވަރު ނުދިނުމަށާއި ވީހާ ވެސް ގައިދުރުކަން އިސްކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ މާލޭގައި އިއުލާންކޮށްފައިވާ ލޮކްޑައުން ހާލަތަށް ވެސް ލުއި ދިނުމަށް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އާންމު ހާލަތުގައި ހުރި ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ