ބޮލީވުޑް ތަޖުރިބާކާރު އެކްޓަރު ސަންޖޭ ދަތު ހައްޔަރުކުރަން އަނެއްކާވެސް ކޯޓުން އަމުރުކޮށްފި އެވެ.
ސަންޖޭ ހައްޔަރުކުރަން އަމުރު ނެރެފައި މިވަނީ 1993 ވަނަ އަހަރު އިންޑިއާގެ މުމްބައީގައި ދިން ބޮމުގެ ހަމަލާތަކުގައި އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ ހުއްދަ ނޫން ހަތިޔާރެއް ގެންގުޅު ކަމުގެ ކުށް ސާބިތުވެ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކޮށް މިނިވަންވިތާ އަހަރެއް ފަހުންނެވެ. ސަންޖޭގެ މިހުކުމް ތަންފީޒުކޮށް މިނިވަންވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ސަންޖޭ ހައްޔަރުކުރަން މުމްބާއީގެ މެޖިސްޓްރޭޓް ކޯޓަކުން އިއްޔެ އަނެއްކާ ވެސް އަމުރު ނެރެފައި މިވަނީ ސަންޖޭއާ އެކު ކުރިން މަސައްކަތް ކޮށްފައިވާ ޕްރޮޑިއުސަރު ޝަކީލް ނޫރާނީ އަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްގައި ސަންޖޭއަށް ކުރާ ދައުވާއާއި ގުޅިގެން ކޯޓަށް ހާޒިރު ނުވާތީ އެވެ.
މިމައްސަލައިގެ އަޑުއެހުންތައް މީގެ ކުރިންވެސް ބާއްވަން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ސަންޖޭ ކޯޓަށް ހާޒިރު ނުވާތީއާއި އޭނާއަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުމުގެ ސަބަބުން މިމައްސަލައިގެ އަޑުއެހުންތައް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.
ޝަކީލް ތުހުމަތު ކުރާ ގޮތުގައި 2013 ވަނަ އަހަރު ސަންޖޭ ބައިވެރިކޮށްގެން އޭނާ ހަދަން އުޅުނު ފިލްމު "ޖާންކީ ބާޒު"ގެ މަސައްކަތް ނުނިމެނީސް އެ ފިލްމުން ސަންޖޭއަށް ލިބެންޖެހޭ ބާކީ ފައިސާތަކެއް ހޯދަން އިންޑިއާގައި މަޝްހޫރު އަންޑާ ވޯލްޑްގެ ގޭންގްސްޓާ ގުރޫޕުގެ ބަޔަކު މެދުވެރިކޮށް އޭނާއަށް އިންޒާރު ދިނީ ސަންޖޭ އެވެ.
ޝަކީލް ބުނާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ އަނބުރާ ގެންދިއުމަށްވެސް ސަންޖޭގެ ފަރާތުން ވަނީ އިންޒާރު ދީފަ އެވެެ.
ސަންޖޭ ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަންޖޭގެ ގާނޫނީ ޓީމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސަންޖޭ ހައްޔަރުކުރަން އަނެއްކާވެސް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ