ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ތެރޭގައި އޭނަ މަޖިލީހަށް އިންތިޚާބުވުމުގެ މާކުރިން ފެށިގެން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކަމަށް ބުނެފައިވާ ކަމަށް ފާރިސްގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.
ފާރިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނަގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އަސާސެއް ކަމަށް ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ކަމަށެވެ.
އެދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމީ ފާރިސް ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެދާނެތީއާއި ހެކި ނައްތާލަފާނެތީ ކަމަށް ބުނެ ކަމުގައި މަހުފޫޒު ވިދާޅުވިއެވެ.
މަހުފޫޒު ވިދާޅުވީ ފާރިސަށް ކޮށްފައިވާ ދައުވާގެ ތެރޭގައި އޭނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ މާކުރިން ފެށިގެން މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޝްވަތު ދެއްވި ކަމަށް ހިމަނާފައިވާ ކަމަށެވެ.
"ފާރިސްގެ މައްޗަށް އުފުލިފައިވާ ދައުވާގެ ތެރޭގައި ފާހަގަކޮށްފައި އެބަވޭ 2013 ވަނަ އަހަރުން ފެށިގެން ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޝްވަތު ދެއްވަމުން ގެންދަވާ ކަމަށް. ނަމަވެސް ފާރިސްއަކީ 2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވެސް ނޫން. އެކަންވެސް ޝަރީއަތުގެ މަޖިލީހުގައި އަޅުގަނޑުމެން ފާހަގަކުރިން. ޝަރީއަތުން އެއޮތީ ޝަރީއަތަށް ފެންނަ އެންމެ އިންސާފުވެރި ގޮތް ކަމަށް ކަނޑައަޅައި އެގޮތަށް ނިޔާ ކަނޑައަޅުއްވާފައި" މަހުފޫޒު ވިދާޅުވިއެވެ.
2013 ވަނަ އަހަރު ފާރިސް މައުމޫން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކަމަށް ދައުވާގައި ފާހަގަކޮށްފައިވާ ކަމަށް ފާރިސްގެ ވަކީލު ވިދާޅުވެފައިވާއިރު، ދިއްގަރު ދާއިރާގެ މެމްބަރުގެ ގޮތުގައި ފާރިސް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ފާރިސް މަޖިލީހަށް އިންތިޚާބުވީ ދިއްގަރު ދާއިރާގެ މެމްބަރުގެ ގޮތުގައި އޭގެ ކުރިން ހުންނެވި އަހުމަދު ނާޒިމަށް 25 އަހަރުގެ ޖަލުހުކުމެއް އިއްވުމުން އެގޮނޑި ހުސްވެ ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެނެވެ. އޭރު ފާރިސް ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ފާރިސްގެ ދައުވާ ފޯމުގައި މިފަދަ ވާހަކައެއް ހިމަނާފައި އޮތް ކަމަށް ވަކީލުން ވިދާޅުވެފައި މިވަނީ ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ވަޑައިގެން ދެކޮޅުނުޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރަށް ފާރިސްގެ ބަންދުގެ މުއްދަތު މަޖިލީހުގައި ވަކީލުން ވަނީ ބައެއް އެހެން ކަންކަން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ 27 ގައި ފާރިސް ހައްޔަރުކުރުމަށްފަހު ފެބްރުއަރީ 6 ގައި ދޫކޮށްލީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމަކުންކަން މަހުފޫޒު ފާހަގަކުރެއްވިއެވެ.
އޭނަ ވިދާޅުވީ ފެބްރުއަރީ 8 ގައި އަނެއްކާވެސް ފާރިސް ހައްޔަރުކުރީ ޖެނުއަރީ 27 ގައި ވެސް ހައްޔަރުކުރެވުނު ސަބަބުތަކުގެ މައްޗަށް ކަމަށެވެ. ނަމަވެސް އެސަބަބުތަކަކީ އޭގެ މައްޗަށް ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކަކަށް ވާތީ ބަންދުގައި ބަހައްޓަންޖެހޭ ތަނެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ލަސްކުރުމަކީ ވެސް ފުލުހުން އިންސާފުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް މަހުފޫޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފާރިސް ބަންދުގައި ބަހައްޓަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
ފާރިސް މައުމޫން 2013 ގައި ރައްޔިތުންގެ މަޖިލީހުގައި އިންނެވިތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ