ވެނެޒުއޭލާގެ ފުލުހުންނާއި ކުށްވެރިންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 68 މީހުން މަރުވެއްޖެ

ވެނެޒުއޭލާގެ ޕޮލިސް ސްޓޭޝަނެއްގައި ފުލުހުން ބާރުގެ ބޭނުންކޮށް ބަޑި ޖެހުމުގެ ސަބަބުން 68 މީހުން މަރުވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދަޅުވެއްޖެ އެވެ.
ކަރަބޯބޯ ސްޓޭޓްގެ ވެލެންސިއާގައި ހުންނަ މި ޕޮލިސް ސްޓޭޝަނުގައި ހަމަނުޖެހުންތަށް ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް މިހާރުން މިހާރަށް ތަހްގީގު ފައްޓަވާނެ ކަމަށް ވެނެޒުއޭލާގެ ޗީފް ސްޓޭޓް ޕްރޮސިކިއުޓަރ ތާރިކް ސާބް ވަނީ ވިދާޅުވެފަ އެވެ.
ހަމަނުޖެހުންތައް ފެށުނީ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ތިބި ކުށްވެރިންތަކެއް މިދިޔަ ބުދަ ދުވަހު ގޮދަނޑިއެއްގައި އަލިފާން ރޯކޮށް ސްޓޭޝަންގެ ޖަލު ގޮޅިތަކުގެ ހަމަޖެހުން ނަގާލުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަމަނުޖެހުން ހިންގި ކުށްވެރިންނާ ދެކޮޅަށް ފުލުހުން ކަރުނަ ގޭސް ޖަހާފައިވާ ކަމަށާއި، ކުށްވެރިން ތިބި ގޮޅިއެއްގައި އަލިފާން ރޯވިކަމުގެ ހަބަރު ލިބުމާއެކު އެ މީހުންގެ އާއިލާތަކުން އެ ސަރަހައްދަށް އައިސް އަޑު އުފުލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އަލިފާން ރޯކޮށްލުމަށްފަހު ފުލުހުންގެ އޮފިޝަލެއްގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށާއި އޭގެ ފަހުން ކުށްވެރިން މައިތިރިވި ކަމަށް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާއަށްފަހު ކަރާބޯބޯ ވަނީ ފުން ހިތާމައެއް ކަމުގައިވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ. ބަންދުކޮށްފައިވާ ކުށްވެރިންގެ އާއިލާތަކުން ބުނީ ގިނަ މީހުން މަރުވީ ދުންގަނޑުގެ ތެރޭގައި ތާށިވެ ނޭވާލާން ދަތިވުމުގެ ސަބަބުން ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ކުށްވެރިންނަށް ޒިޔާރަތް ކުރި ބައެއް އަންހެނުންނާއި، ކުޑަކުދިންވެސް ހިމެނެ އެވެ.
ވެނެޒުއޭލާގެ ޖަލުތަކަކީ ވެސް މީހުން ފިތިބާރުވެފައިވާ އަދި ވަރަށް ގިނައިން ހަމަނުޖެހުންތައް ހިންގާ ތަންތަނެވެ.
ފުލުހުންނާ ކުށްވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގުމަކީ އެގައުމުގައި ވަރަށް އާންމު ކަމެކެވެ.
ވެނެޒުއޭލާ އަަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން އެގައުމުގައި އެކަށީގެންވާ ހާލަތެއްގައި ޖަލުތަކުގައި މީހުން ބޭތިއްބޭނެ ގޮތެއް ނެތި ޖަލުތައް ފުރިފައިވާތީ ބައެއް ކުށްވެރިން ބަންދުކޮށްފައިވަނީ ވެލެންސިއާގެ ޕޮލިސް ސްޓޭޝަނުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ