އަވަހަށް ބޫސްޓާ ޑޯޒު ޖެހުމަށް ރައީސް ސޯލިހު އިލްތިމާސްކުރައްވައިފި

ކޮވިޑު-19އިން ދިފައުވުމަށް ޖަހާ ވެކްސިނުގެ ބޫސްޓާ ޑޯޒު އަވަހަށް ޖެހުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
18 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒު ޖެހުމަށް އާންމުކޮށް މިއަދު ވަނީ ހުޅުވާލައިފައެވެ. އެކަމާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ އޮމިކްރޯން ވޭރިއެންޓުން ދިފާރު ވުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ވެކްސިނުގެ ބޫސްޓާ ޑޯޒެއް ޖެހުން ކަމަށެވެ.
އަދި ވެކްސިނުގެ ޑޯޒުތައް ފުރިހަމަކުރުމށް ފަހު 6 މަސްވެފައިވާ ހުރިހާ ފަރާތްތަކުން އަވަހަށް ވެކްސިން ޖެހުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ބޫސްޓާ ޑޯޒު ޖެހުމަށް ހުޅުވާލާފައި ވަނީ ވެކްސިނުގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު 6 މަސްދުވަސް ހަމަވެފައިވާ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި މާލެ ސަރަހައްދުގައި ވެކްސިން ޖަމަނީ އެޕޮއިންޓްމެންޓް ދޫކޮށްގެންނެވެ.
މާލެ ސަރަހައްދުގައި ދަރުމަވަންތަ ހޮސްޕިޓަލާއި ދަރުބާރުގެއާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސެނެހިޔާ އަދި ދަމަނަވެށީގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ