އުމަރު ޒާހިރުގެ ތައުޒިޔާ ދަފްތަރު މާދަމާ ހުޅުވާލަނީ

ކުރީގެ ވަޒީރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާ ދަފްތަރެއް ހުޅުވާލަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ. އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، އާލާސްކަންފުޅު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ހޯމް މިނިސްޓްރީން މިއަދު ބުނީ ތައުޒިޔާ ދަފްތަރު ހުޅުވާލާނީ ނެޝަނަލް އާޓް ގެލަރީގައި ކަމަށެވެ. ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މި ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެއެވެ. އުމަރު ޒާހިރު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1950ގެ އަހަރުތަކުގައެވެ. އޭނާ ވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިއެވެ. އަދި އޭނައަކީ ދިވެހި ދައުލަތުން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް އޭނާ ވަނީ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ. އެގޮތުން، މައުމޫނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވަނީ ފުރުއްވާފައެވެ. ހަމައެހެންމެ އޭނާއަކީ، ދިވެހި ފުޓުބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވީ އޭނާއެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް 1960ގައި ކުރެއްވި މަސައްކަތްތަކުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. ހަމައެހެންމެ، މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރެއްގެ މަގާމުވެސް އުމަރު ޒާހިރު ވަނީ އަދާކުރައްވާފައެވެ. މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު ހިންގުމުގެ މޭސްތެރިއެއްގެ ގޮތުގައި ވެސް އޭނާ ހުންނެވިއެވެ. އަދި ހުޅުމާލޭގެ އިތުރުން ތިލަފުށީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެސް އޭނާ ވަނީ އެހީތެރިވެދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ