ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ލިބޭ ރަނުގެ ފުރުސަތެއް: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދްރީސްގެ ކެމްޕޭނަށް މިރޭ ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ދާއިރާގެ ތިން ރަށަށް ޒިޔާރަތް ކުރުމުން ރައްޔިތުންގެ މާޔޫސްކަން ފެނިއްޖެ ކަމަށެވެ. އަދި މަސްވެރިކަމާއި ފަތުރުވެރިކަން އަދި ދަނޑުވެރިކަމުގެ ނަފާވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ނުލިބޭ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ކޮމަންޑޫގެ ތިން ރަށުގައިވެސް ލޯކަލް ޓޫރިޒަމް އާލާ ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް، މި ދާއިރާއަށް ސަރުކާރުގެ ފޯކަސް ނެތް ކަމަށެވެ. އަދި މި ދާއިރާގެ ރައްޔިތުންގެ ވާހަކަތައް މަޖިލީހުގައި އިއްވާނެ މީހަކު ނެތްކަމަށާއި، އެމްއެންޕީން ހޮވަން އުޅެނީ ރައްޔިތުންގެ އަޑު އިއްވާނެ މީހެއް ކަމަށް ވިދަޅުވިއެވެ.
އޭގެ އިތުރުން ނާޒިމް ވިދާޅުވީ ކޮމަންދޫ ދާއިރާގެ ރައްޔިތުން އެކަންކަމާމެދު ވިސްވަންޖެހޭ ކަމަށާއި، މި އިންތިހާބަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވާހަކައިގައި އިތުރަށް ވަނީ ކޮމަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްމަރްހޫމް ހުސެއިން ވަހީދު ވެވަޑައިގެންފައިވާ ވައުދުތައްވެސް އެމްއެންޕީން ފުއްދައިދޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ