ޕީޕީއެމުން ވަކިކުރާނެ ކަމުގެ އިންޒާރު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަންނަނީ ދެމުން: ނަހުލާ

ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގަ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ ޕާޓީން ވަކިކޮށްފައި ނޫނީ ހުއްޓާ ނުލާނެ ކަމުގެ އިންޒާރު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަންނަނީ ދެމުން ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ވިލިމާލޭ ދާއިރާގެ ކައުންސިލަރު ވިދާޅުވީ ޕީޕީއެމުން އެކަމަނާ ވަކިކޮށްފައިނުވާ ކަމަށާއި ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށެވެ.
ވިލިމާލޭ ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ ބައި-އިލެކްޝަނަށް ކެނޑިޑޭޓެއްގެ ނަން ހުށަހެޅުމުން، އެ ހުށަހެޅި ކެންޑިޑޭޓުގެ ނަން ނެގުމަށް އެންގި ކަމަށެވެ.
އަދި އެ ކެންޑިޑޭޓުގެ ނަން ނެގުމަށްފަހު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ބޭނުންފުޅުވާ ކެންޑިޑޭޓަށް ޓިކެޓް ދީފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އޮފީސް ތެރޭގައި އޭނާއަށް ބިރު ދައްކާ އިންޒާރުދީފައިވަނީ މޭޔަރާއި އަދި މުވައްޒަފުންގެ ވެސް ކުރިމަތީގައި ކަމަށެވެ.
އަދި މިކަންވާނީ މޭޔަރުގެ ހާޒިރުގަ ޕީޕީއެމްގެ ލީޑާޝިޕަށާއި ރައީސް ޔާމީނަށްވެސް ދަންނަވާފައި ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ވިލިމާލޭގަ އޭނާއާ ގުޅޭގޮތުން މަސްލަހަތު ގެއްލޭގޮތަށް ދޮގު ވާހަކަތައް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަންނަނީ ފަތުރަމުން ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވަނީ ކޮންމެ ކަމެއް ކުރިޔަސް ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު އިސް ކުރައްވާނެ ކަމަށާއި ދާއިރާއަށް ޚިދުމަތް ކުރުމުގައި ވަކި ފިކުރަކަށް ބެލުމެއް ނެތި ޚިދުމަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ގަބޫލުކުރައްވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަން ފާހަގަކުރައްވާ ނަހުލާ ވަނީ ބިނާކުރަނިވި ފިކުރަށް ތާއީދު ކުރާ، އަދި ވިލިމާލޭގެ ތަރައްޤީއަށް މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން ސާބިތުވެތިބުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ