އިންޓަ ސްކޫލް އެތުލެޓިކް ޗެމްޕިއަންޝިޕުގައި ނާހިލަށް ތިން ރިކޯޑެއް

ރިކޯޑު އަދަދަކަށް އެތުލީޓުން ބައިވެރިވި އިންޓަ ސްކޫލް އެތުލެޓިކް ޗެމްޕިއަންޝިޕް 2022 ހުކުރު ދުވަހު ކާމިޔާބުކަމާއެކު ނިންމާލިއިރު، މި މުބާރާތުގެ ތަރި ނާހިލް ނިޒާރު ތިން ރިކޯޑު ހަދައިފިއެވެ.
މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތެވެ. މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކުރިއެވެ. އަދި އޭގެ ތެރޭގައި އަތޮޅު ތެރޭގެ 25 ސްކޫލެއްގެ އެތުލީޓުން ހިމެނެއެވެ.
މި މުބާރާތުގެ 17 އަހަރުން ދަށުގެ އެއްވަނަ ޓީމު ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އުންމީދީ ދުވުންތެރިޔާ ނާހިލް މުބާރާތް ނިންމީ ފަސް ރަން މެޑެއްޔާއެކުގައެވެ. އަދި އޭނާ ވާދަކުރި 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑުވެސް ހޯދިއެވެ.
މުބާރާތުގައި ނާހިލް އެންމެ ފުރަތަމަ މުގުރާލީ 100 މީޓަރު ދުވުމުގެ މީޓް ރެކޯޑެވެ. އެ ރެކޯޑް ކުރިން އޮންނަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުރީގެ ދަރިވަރު ރާހީލް ވާފިރުގެ އަތުގައެވެ. ރާހިލް މި ރެކޯޑް ހަދާފައިވަނީ 11.07 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނާހިލް މި ރެކޯޑް މުގުރާލީ 11.02 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އޭގެ ފަހުން 200 މީޓަރު ދުވުމުގެ ރެކޯޑްވެސް ނާހިލް ވަނީ މުގުރާލައިފައެވެ. އެ ރެކޯޑު ވެސް ކުރިން އޮންނަނީ ރާހިލް އަތުގައެވެ. ރާހިލް އެ ރެކޯޑް ހަދާފައިވަނީ 23.08 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނާހިލް މި ރެކޯޑް މުގުރާލީ 23.02 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ދެން ނާހިލް ރެކޯޑް ހަދާފައިވަނީ ލޯންގް ޖަމްޕުންނެވެ. އެ ރެކޯޑް ނާހިލް ހެދީ 6.43 މީޓަރު ދުރަށް ފުންމައިގެންނެވެ. މިއީ ޖޫނިއާސްގެ ރެކޯޑެއްވެސް މެއެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މި އަހަރު މި ބާއްވައިފައިވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. އަދި މިއީ މާލޭ އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅި ފަހުން، އެ ތަނުގައި ބާއްވާ ފުރަތަމަ އިންޓަ ސްކޫލް މުބާރާތެވެ. މީގެ ކުރިން މި މުބާރާތް އެކުވެނި ދުވާ ޓްރެކުގައި ބޭއްވިއިރު، ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން، އިންޓަ ސްކޫލް މުބާރާތް ބޭއްވުމަށް އޭރު ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ