ސަރުކާރުގެ އަމާޒަކީ އޮޅުވެލިފުށީގެ ކަރަންޓް އެކީ ސޯލާއަށް ބަދަލުކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ޅ. އޮޅުވެލިފުށީގެ ކަރަންޓް އެކީ ސޯލާއަށް ބަދަލު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޮޅުވެލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި "ޖަޒީރާ އޮޅުއަށި" ބައްދަލުވުމުގައި ރައީސް ވިދާޅުވީ އޮޅުވެލިފުށީގައި މިވަގުތު ކުރިއަށް ގެންދާ ސޯލާ ނިޒާމްގެ މަޝްރޫއުގެ ދަށުން ރަށުގައި ބޭނުން ކުރަމުން އަންނަ ކަރަންޓުގެ 70 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތަ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު ނިމޭއިރު ރަށުގައި އުފައްދާ ކަރަންޓް އެކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. "އޮޅުވެލިފުށީގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތަ މަޝްރޫއުގެ ބޮޑުބައެއް ނިންމައި މި ރަށުގައި މިހާރުވެސް ބޭނުން ކުރާ ކަރަންޓުގެ ހަތްދިހަ ޕަސެންޓް ބޭނުން ކުރަމުން އަންނަނީ ސޯލާގައި،" ރައީސް ވިދާޅުވިއެވެ. "ސަރުކާރުގެ އަމާޒަކީ މުޅި ރަށުގައި ބޭނުން ކުރަމުން އަންނަ ކަރަންޓު އެކީ ސޯލާއަށް ބަދަލުކުރުން،" ޖަޒީރާ ހޮޅުއަށި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ރަށުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރު ތަފްސީލުތައް ވެސް ހާމަކުރައްވާފައެވެ. ރައީސް، ޅ. އޮޅުވެލިފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ރައްޔިތުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް އެގޮތުން މިހާރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމާއި ފުޓްބޯޅަ ދަނޑުގައި ޓާފް ވެސް އަޅައި ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދަނޑު ފުރިހަމަ ކުރުމަށް ޓަކައި އިތުރަށް ކުރަންޖެހޭ ކަންކަން ވެސް ސަރުކާރުން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު އޮތް ބަނދަރު ބޭރަށް ޖައްސައި އައު ބަނދަރެއް ހެދުމަށް ކައުންސިލުން އެދުނުކަން ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ އެކަމުގައި ކުރަންޖެހޭ ޓެކްނިކަލް ސާވޭތައް ކުރުމަށްފަހު ބަނދަރަށް ގެންނާންޖެހޭ ބަދަލުތައް ކައުންސިލާ ހިއްސާކޮށް، އެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތަކާ ބެހޭގޮތުން ކަައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އޮޅުވެލިފުށީ ސުކޫލްގައި މިހާރު ގާއިމު ކުރުމަށް ހަމަޖައްސާފައި އޮތް އަށް ކުލާސް ރޫމްގެ ބަދަލުގައި ދެން ކުރިއަށް ގެންދާނީ 10 ކްލާސްރޫމްގެ މަޝްރޫއެއް ކަމަށެވެ. އޭގެ ބޭނުމަކީ ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވޭގޮތް ހެދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޅ. އޮޅުވެލިފުށީގައި ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް ރައީސް، ވިދާޅުވީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއެކު އެ މަރުކަޒުގައި ރައްޔިތުންނަށް ބޭނުންވާ އިތުރު ހިދުމަތްތައް ވެސް ތައާރަފު ކުރައްވާނެ ކަމަށެވެ. ކައުންސިލްގެ ބައްދަލުވުމުގައި އެދުނު ފަދައިން އެ ރަށުގައި ޖިމެއް ގާއިމުކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވަމުން ރައީސް ވަނީ މުސްތަގްބަލުގައި ޅ. އަތޮޅުގައި ތަރައްގީ ކުރާ ސަރަހައްދަކީ އޮޅުވެލިފުށި ހިމެނޭ ސަރަހައްދުކަން ފާހަގަކުރައްވާފައެވެ. "ސަރުކާރުން މަސައްކަތްކުރާނީ އެގޮތަށް އަމާޒުހިފައިގެން. އެގޮތުން ބޭނުންވާ ވަސީލަތްތައް ވެސް މިސަރަހައްދުގައި ގާއިމުކޮށްދެމުން ގެންދާނަން،" ރައީސް ވިދާޅުވިއެވެ. ރައީސް، ޅ. އަތޮޅަށް ކުރައްވައި މި ދަތުރުފުޅުގައި އޮޅުވެލިފުށީގެ އިތުރުން މަޑިވަރާއި އެމަނިކުފާނުގެ އުފަށް ރަށް ކަމަށްވާ ހިންނަވަރުގެ އިތުރުން ފެލިވަރަށް ވަނީ ވަޑައިގެންފައެވެ. ރައީސްގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ކުރެންދޫއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ